ރާއްޖޭގެ ކުރިއެރުމާ އެއްވަރަށް ކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅެއް ނޫން: ހެލްތު މިނިސްޓަރު

ރާއްޖެއަށް އަންނަ ހަލުވި ކުރިއެރުމާ އަޅާބަލާއިރު ކުދިންގެ ނިއުޓްރިޝަންގެ ހާލަތު އެކަށީގެންވާ ބާރުމިނުގައި ރަނގަޅުވަމުން ނުދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


ތުއްތުކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ޔުނިސެފާ ގުޅިގެން ތައްޔާރުކުރި "ސޯޝަލް އެންޑް ބިހޭވިއާ ޗޭންޖް ކޮމިއުނިކޭޝަން ސްޓްރެޓަޖީ" ލޯންޗުކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ރާއްޖޭގެ ކުދިންގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅު ނަމަވެސް އެއީ ރާއްޖޭގެ ތަރައްގީއާ އަޅާބަލާއިރު އެކަށީގެންވާ ސްޕީޑެއް ނޫން ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި މައިމީހާގެ ރަހިމުގައި ގަރުބަގަތީއްސުރެ ކުއްޖާގެ ފުރަތަމަ 1000 ދުވަހަކީ ކުއްޖާގެ މުސްތަގުބަލް ބައްޓަން ކުރުމަށް ވަރަށް މުހިއްމު ދުވަސްކޮޅެކެވެ. އެއީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުއްޖާއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ނިއުޓްރިޝަންގެ އެންމެހާ މާއްދާތައް ލިބިދިނުން ސިކުނޑި ތަރައްގީވުމަށާއި ދިފާއީ ނިޒާމް ވަރުގަދަވެ ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށް ވަރަށް މުހިއްމެވެ.

ތުއްތުކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެންގެން ތައްޔާރުކުރި ސްޓްރެޓަޖިކް ޕްލޭން ލޯންޗުކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހު ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ހެޔޮ ކާނާ ނުވަތަ ނިއުޓްރިޝަންގެ އެންމެހާ މާއްދާތައް ލިބިދިނުމަކީ ސިކުނޑި ތަރައްގީވުމަށާއި ދިފާއީ ނިޒާމް ވަރުގަދަވުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ކުއްޖާ ހެދިބޮޑުވުމަށް އަދި މުސްތަގުބަލުގައި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ބަލިތަކަށް ކުއްޖާ ހުށަހެޅުމުން ސަލާމަތްކުރުމަށް ނުހަނު ބޭނުންތެރި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފުރުސަތުގެ ބޭނުންނުހިފައި ކުއްޖާގެ ނިއުޓްރިޝަނާ މެދު ފަރުވާކުޑަކުރުމުން ކުއްޖާގެ ހެދިބޮޑުވުމުގައި ބޮޑެތި މައްސަލަތައް ދިމާވާ ކަމަށެވެ. އެކަންކަން ހައްލުނުކުރޭ ނަމަ މުސްތަގުބަލުގައި ވެސް ކުއްޖާއަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ކުއްޖާއަށް ރަނގަޅު ކާނާ ދިނުމަކީ މައިންބަފައިންނަށް ލިބިފައިވާ އިހުތިޔާރެއް ނޫން ކަމަށާއި އެއީ ކުއްޖާގެ ހައްގެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން 2016-2017 ވަނަ އަހަރު ހެދި ޑިމޮގްރަފިކް ހެލްތު ސާވޭ ދައްކާ ގޮތުން، ރާއްޖޭގެ 97 ޕަސެންޓް ކުދިންނަށް މައިމީހާ ކިރު ދިން ކަމަށް ވިއަސް ވިހާތާ އެއް ގަޑިއިރު ތެރޭގައި ގާތުން ދޭ ނިސްބަތް އުޅެނީ 67 ޕަސެންޓުގަ އެވެ. ހަ މަސް ވަންދެން ހަމައެކަނި ގާތުން ކިރުދޭ ނިސްބަތަކީ 64 ޕަސެންޓް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ކަންކަމާ ގުޅުން ހުރި ބައެއް ނަތީޖާތަކަށް ބަލާއިރު، ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން 15 ޕަސެންޓް ކުދިންނަކީ އުމުރަށް ވުރެ ބަރުދަން ލުއި އަދި އުމުރާ އެއްވަރަށް އިސްކޮޅު ނުހުންނަ ކުދިންނެވެ. ނުވަ ޕަސެންޓް ކުދިންނަކީ ބަރުދަނާ އެއްވަރަށް އިސްކޮޅު ފުރިހަމަވެފައިނުވާ ކުދިން ކަމަށް އަމީން ވިދާޅުވި އެވެ.

ތުއްތުކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެންގެން ތައްޔާރުކުރި ސްޓްރެޓަޖިކް ޕްލޭން ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި، ޔުނިސެފުން ދެކުނު އޭޝިޔާއަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ޖީން ގޮގް މީހަކަށް އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު ގާތްގަނޑަކަށް 84 ޕަސެންޓް މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ޅައުމުރުގައި އެފަދަ ބަލިތައް ޖެހުން އިތުރުވަމުން ދިއުމުގައި ކެއިންބުއިމުގައި ގެންގުޅެވޭ ނުރަގަޅު އާދަތައް ވަރަށް ބޮޑު ދައުރެއް އަދާކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް މި ސަރުކާރުން އިތުރުކުރުމުން އެނގެނީ "ދުޅަހެޔޮ ސިއްހަތެއްގައި ކުޑަކުދިން ހެދިބޮޑުވުމަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ މިންވަރެވެ. އަދި އެއީ "ފަހުރުވެރި އާއިލާއެއް" ބިނާކުރުމުގެ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިސެފުން ދެކުނު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރު ޖީން ގޮގް ވިދާޅުވީ ދުޅަހެޔޮ ސިއްހަތަކަށް ނިއުޓްރިޝަނަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށެވެ. އޭގެ ތެރެއިން ތުއްތުކުއްޖާގެ ހަޔާތުގެ ފުރަތަމަ 1000 ދުވަހަކީ އެންމެ މުހިއްމު ދުވަސްވަރުކަން ފާހަގަކުރެއްވި އެވެ.

ނިއުޓްރިޝަނާ ގުޅޭ ގޮތުން ހެދި މޮބައިލް އެޕްލިކޭޝަން "ޔާގޫތު" ވެސް މިއަދު ލޯންޗުކުރި އެވެ. އެއިން، ނިއުޓްރިޝަނާއި މާބަނޑު ދުވަސްވަރު މައިމީހައަށް ބޭނުންވާ މުހިއްމު މައުލޫމާތާއި ތުއްތުކުދިންނަށް ދޭން އެންމެ ރަނގަޅު ކާނާގެ މައުލޫމާތުތައް ހިމެނެ އެވެ.