އއ. އުކުޅަހުގައި ގާއިމްކުރި ނަރުދަމާ ނިޒާމް ބަލަހައްޓަން ސްޓެލްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އުކުޅަހަކީ ސަރުކާރާއި އެ ކުންފުންޏަށް ވެސް ހާއްސަ ރަށެއް ކަމަށެވެ.
އުކުޅަހުގައި މިހާރު ވެސް ކަރަންޓާއި ފެނުގެ ނިޒާމް ބަލަހައްޓަމުން އަންނަނީ ސްޓެލްކޯއިންނެވެ.
ސްޓެޓިކް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ނަރުދަމާ މަޝްރޫއުގެ އަގަކީ 20.4 މިލިއަން ރުފިޔާ އެވެ. އެ މަސައްކަތް ފެށީ ސެޕްޓެމްބަރު 20، 2017 ގަ އެވެ. އަދި މަސައްކަތް ނިންމާފައިވަނީ މިދިޔަ އޭޕްރީލް 15 ވަނަ ދުވަހެވެ.
މުޣުނީ ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ވެސް އެ ރަށް ކުރިއަރަމުން އަންނައިރު އިންފްރާސްޓްރަކްޗާ ކުންފުންޏެއްގެ ހައިސިއްޔަތުން ކުރެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެންވަޔަރްމަންޓްގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ކަރަންޓާއި ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ.
އޭނާ ވިދާޅުވީ ވަކި ރަށެއް އިންތިސްނާނުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކޮށްފައިވާއިރު، އެއީ ދުނިޔޭގައި ވެސް ވަރަށް މަދުން ނޫނީ ނުވާނެ ކަމެއް ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި، އެއީ ގައުމެއްގެ 100 ޕަސެންޓް މީހުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ގާއިމްކޮށްދިނުމަކީ އުނދަގޫ ކަމަކަށް ވާތީ އެވެ.
ބޮޑެތި މަޝްރޫއުތައް ހިނގަމުންދާއިރު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށްގެންދަން ވަރަށް ގިނަ ކަންތައްތައް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މަޝްރޫއުތަކާއެކު އެކަންތައް ވެސް ނިމޭނެ ކަމަށެވެ.
"އުއްމީދުކުރަނީ މިހާރު ގާއިމްކުރެވޭ ހިދުމަތްތަކަކީ ރައްޔިތުންނަށް އަސާސީ ލެވެލް އެއްގައި، ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ ހިދުމަތް ލިބޭނެ އުސޫލަކުން ގާއިމްކުރެވިގެންދާ އިންފްރަސްޓްރަކްޗާގެ މަޝްރޫއުތަކެއް ކަމަށް މިއީ. މިކަމާ ގުޅިގެން، އެތަނަކަށް އަންނަ ތަރައްގީއާ ގުޅިގެން ބޮޑުކުރަންޖެހޭ ޖެހުމަކީ އެ ހިދުމަތްދޭ ކުންފުނިން ކުރަންޖެހޭނެ ކަމެއް،" މުޖުތަބާ ވިދާޅުވި އެވެ.
ރެގިއުލޭޓްކުރަންޖެހޭ ފަރާތެއްގެ ހައިސިއްޔަތުން ސްޓެލްކޯއިން އަދި އެހެން ކުންފުނިތަކުން އެ ހިދުމަތްތައް ދޭގޮތް ވަރަށް ގާތުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމްގެ ދާއިރާ ފުޅާވަމުން އަންނަ ރަށަކަށްވާއިރު، އެތަނުގެ ވިޔަފާރިއަށް ބަލައި ސްޓެލްކޯގެ ހިދުމަތް ފުޅާކުރުމަކީ އެ ކުންފުނިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ނަރުދަމާގެ މަސައްކަތަކީ އެ ރަށު ރައްޔިތުން ކުރަމުންދިޔަ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އޭގެ ސަބަބުން ރަށުގެ ތަރައްގީއާ އާއްމު މަސްލަހަތު ހިމާޔަތްވެގެންދާނެ ކަމަށް ވިދާޅުވި އެވެ.