އީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް އިޖުތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގެން އަދި ދިވެހިންނަށް އީދުގެ ތަހުނިޔާ ވިދާޅުވުމަށް ނެރުއްވި ހިތާބުގައި ރައީސް ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ކޮންމެ އީދަކީ ވެސް އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމަށެވެ.
"އުފާވެރިކަން ފާޅުކޮށް، ތަހުނިޔާ އާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މުޅި މުޖްތަމައުގައި އުފާވެރިކަން ފަތުރާލުން،" ރައީސް ވިދާޅުވި އެވެ.
ކޮންމެ އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު އީދު އަންނައިރު އެކަމުން އަންގައިދެނީ ކޮންމެ ކަމެއްގައި ވެސް މުޖުތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަދުލުވެރިކަމާއި ހަމަހަމަކަމުގެ އުސޫލުތައް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަން މުޖުތަމައުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަސްލަހަތަށް އިސްކަންދީ އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން،" ރައީސް ވިދާޅުވި އެވެ.