ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އަށް ފޮނުވައިފި

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން ކަމުގެ ތުހުމަތުގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު، ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފި އެވެ.


ޝިފާއުގެ މައްސަލަ އޭސީސީން ޕީޖީ އަށް ފޮނުވީ ވެމްކޯއަށް އެމަޖެންސީކޮށް ޑަމްޕްޓްރަކް ގަންނަން އޭނާގެ ހިއްސާ އޮންނަ ކިއުބެކް އިންވެސްޓްމަންޓާ އެކު އެއްބަސްވުމެއް ހެދި މައްސަލަ ތަހުގީގުކުރުމަށް ފަހުގަ އެވެ.

އޭސީސީން އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ޝިފާއުގެ މައްޗަށް ކުރުމަށެވެ.

އޭސީސީން ބުނީ ވެމްކޯ އިން ފުރަތަމަ އިއުލާންކޮށްފައިވަނީ އެއް ޓަނުގެ ޑަމްޕްޓްރަކެއް ހޯދަން ކަމަށެވެ. ނަމަވެސް އެވަރުގެ ޑަމްޕްޓްރަކެއް ނުލިބުމުން އެމަޖެންސީކޮށް ތަކެތި ގަންނަ ފޯމުގައި އަތުލިޔުމުން ލިޔެ ފޯމަށް ބަދަލު ގެނެސް 350 ކިލޯގެ ޑަމްޕްޓްރަކެއް ހޯދުމަށް ނިންމައި ޝިފާއު ސޮއިކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. އޭސީސީން ބުނި ގޮތުގައި، ބަދަލު ގެނެސް 350 ކިލޯގެ ޑަމްޕްޓްރަކެއް ގަތީ އެއް ޓަނުގެ ޑަމްޕްޓްރަކުގެ އަގުގަ އެވެ.

އާ އުޅަނދެއް ކަމަށް ބުނެ އެއްބަސްވުން ހަދައިގެން ޑަމްޕްޓްރަކެއް ގަނެފައިވާއިރު އެއީ އާ އުޅަނދެއް ނޫން ވެސް އޭސީސީގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އޭސީސީން ބުނީ ޖަޕާނުގެ އެކްސްޕޯޓަރާއި ކަސްޓަމްސް އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ލިޔެކިޔުންތަކުން އެކަން އެނގޭ ކަމަށެވެ. އެކަމަކު މި ގަނެފައިވަނީ އާ ވެހިކަލެއްގެ އަގުގަ އެވެ. އަދި އޭގެ ފުރިހަމަ އަގު ވެމްކޯ އިން ކިއުބެކް އިންވެސްޓްމެންޓަށް ދޫކޮށްފައިވެ އެވެ.

އޭސީސީން ބުނިގޮތުގައި ވެމްކޯ އިން ކިއުބެކް އިންވެސްޓްމެންޓާ ހަވާލުކޮށްގެން ޑަމްޕްޓްރަކް ގަތްއިރު ވެސް އެ ޑަމްޕްޓްރަކްގެ ރަޖިސްޓްރީ އޮތީ ވެމްކޯގެ އޭރުގެ މެނޭޖިން ޑިރެކްޓާ ހިއްސާ އޮތް ކުންފުނިކަމުގައިވާ އެމް ކޯ ހޯލްޑިންސް ނަމުގަ އެވެ. މި މުއާމަލާތަކީ ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި މެނުއަލްއާ ހިލާފު އަމަލެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.