ޒިޔަތު ވެސް ވިދާޅުވީ ފައިސާއާ މެދު އަމަލުުކުރީ "އެންގެވި ގޮތަށް" ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ދައުވާގައި އެ މަނިކުފާނާ ދެކޮޅަށް ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ. މިއީ ޔާމީން އަވަހަރާކޮށްލަން އުޅުމާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތަށް އަދީބު ހައްޔަރުކުރި ފަހުން ޔާމީނާއި އަދީބު އެއްތަންވި ފުރަތަމަ ފަހަރެވެ.


މިއަދު ކުރިއަށްދަނީ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ތިން ވަނަ އަޑުއެހުމެވެ.

ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ނައިބަކަށް ހުންނެވި އަދީބު ހައްޔަރުކުރީ އޮކްޓޫބަރު 24، 2015 ގަ އެވެ. އޭގެ ފަހުން ނައިބު ރައީސްކަމުގެ މަގާމުން އަދީބު ވަކިކޮށް، ތުހުމަތުތަކާ ގުޅިގެން ދައުވާކޮށް ދިގު މުއްދަތަކަށް ޖަލަށް ލި އެވެ. ނަމަވެސް މިހާރު ހުންނެވީ ކޯޓުން ހުކުމްތައް ބާތިލްކުރުމުން އެ ހުކުމްތަކުން ސަލާމަތްވެފަ އެވެ. ނަމަވެސް ބައެއް ދައުވާތަކުގެ ޝަރީއަތް އަލުން ހިންގާތީ އާއި އިސްތިއުނާފުގެ މައްސަލައެއް ކޯޓުގައި ހިނގަމުން ދާތީ އަދީބު ރާއްޖޭން ބޭރަށް ވަޑައިގަތުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖޭން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވި މައްސަލާގައި މިހާރު އަނެއްކާވެސް އަދީބު ހުރީ ބަންދުގަ އެވެ.

އަދީބު މިއަދު ކޯޓަށް ހާޒިރުކުރީ އޭނާ ޖަލުގައި ހުއްޓާ ވެއްޓި އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު އަލުން ޖަލަށް ގެންދިއުމަށް ފަހު އެވެ.

ކޯޓުގައި މިއަދު ކުރިއަށްދަނީ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިން ހާޒިރުކޮށް ސުވާލުކުރުމެވެ. އެގޮތުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ހާޒިރުކޮށް ދައުލަތުންނާއި ޔާމީން އަދި ޔާމީންގެ ވަކީލުން ވެސް ސުވާލުތައް ކުރިމަތިކުރި އެވެ. މިއީ މުއައްވިޒް ހާޒިރުކޮށް ސުވާލުކުރި ދެ ވަނަ ދުވަހެވެ.

މިއަދު ދެން ހެކިންގެ ގޮތުގައި ހާޒިރުކުރަނީ އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.