އިންޓަނެޓްގެ އަގު ހެޔޮވުމުގެ އުފާވެރި ޚަބަރުގެ ވަގުތު ކައިރިވެއްޖެ ކަމަށް ވިދާޅުވެ އެކަމާ ގުޅޭ ޝަކުވާތަކަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޖަވާބު ދެއްވައިފި އެވެ.
އިންޓަނެޓްގެ އަގާ ގުޅޭ ގޮތުން ދަރިވަރަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އެފަދަ ޝުއޫރުތަކަށް މަރުހަބާ ކިޔާ ކަމަށާއި އަތްފޯރާ ފަށުގައި އިންޓަނެޓް ލިބުން މުހިއްމު ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު މަލީހް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އިންޓަނެޓުގެ އަގުހެޔޮކުރަން ސަރުކާރުންވީ ވައުދާ އެއްގޮތަށް ކަމާބެހޭ ފަރާތްތަކުން މަޝްވަރާކޮށް ޕްރޮޕޯސަލްއެއް ވަނީ އެކުލަވާލައިފަ އެވެ. އެ ޕްރޮޕޯސަލް މިހާރު ވަނީ ރައީސް އޮފީހުގެ ޕޮލިސީ އޮފީހަށް ހުށަހަޅާފައި ކަމަށް ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ސަރުކާރުން އަދިވެސް އަންނަނީ އެ އަގުތައް އިތުރަށް ދިރާސާކޮށް އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން ކަމަށެވެ. މިހާރު ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި އިންޓަނެޓުގެ އަގުހެޔޮ ކުރި ޕަސެންޓެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
"މި ހަފުތާ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ އެކު ވެސް ބައްދަލުވުމެއް ބާއްވާނެ، އެއީ ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާނެ ކަމަކަށް ވާތީ އެކަމާ ގުޅޭ ކަންކަމަށް ރިއާޔަތްކުރަން،" މަލީހް ވިދާޅުވި އެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ މައިގަނޑު ތިން ކުންފުންޏަކީ ދިރާގާއި އުރީދޫ އާއި ރާއްޖެ އޮންލައިން (އާރުއޯއެލް) އެވެ.
މަލީހް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވައުދަކީ އިންޓަނެޓް އަގުހޮޔޮކުރުން ކަމަށްވާ އިރު އެއީ ކިހާ ވަރެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ އެކަން ކުރާނީ ކަނޑައެޅުމަކީ ކުރިމަތިވި ގޮންޖެހުމެކެވެ. ސަރުކާރުގައި ބާރު އޮތަސް އެއްވެސް އުސޫލެއް ނެތި ކަމެއް ތަންފީޒު ކުރަން ފެށުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މަލީހް ދެކެވަޑައިގަންނަވަ އެވެ.
އެހެންވެ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގައި ވިޔަފާރިތަކާ މަޝްވަރާކޮށް، އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް އެންމެ ރަނގަޅު ނިންމުމަކަށް ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް މަލީހް ވިދާޅުވި އެވެ.
"އުއްމީދުކުރަނީ ދެން މާ ލަހެއް ނުވެ އެކަން ފައިނަލްކޮށްލެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މަލީހް ކުރިން ވިދާޅުވި ގޮތުގައި އިންޓަނެޓުގެ އަގުހެޔޮކުރަން 26 ގައުމެއްގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރި އެވެ. އެ ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖެ ހިމެނެނީ ހަތް ވަނަ އަށް އިންޓަނެޓުގެ އަގު ބޮޑު ގައުމުގެ ގޮތުގަ އެވެ.
އިންޓަނެޓުގެ އަގުހެޔޮކުރާ އިރު ސްޕީޑު ވެސް ރަނގަޅު ކުރަން އަންނަނީ ގޮވާލަމުންނެވެ. އިންޓަނެޓަށް ކުރާ ޚަރަދާ އެއްވަރުގެ އަގެއް ލިބެން ޖެހޭނެ ކަން ގަބޫލުކުރާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.