ފުރަތަމަ ހަ މަހުގެ މައްސަލަތަކުން ދައުލަތަށް 188 މިލިއަން ލިބެންޖެހޭ: އޭސީސީ

މިއަހަރުގެ ފުރަތަމަ ހަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގައި 188 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


އޭސީސީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ މިއަހަރުގެ ފުރަތަމަ ހަ މަހު އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމި 11 މައްސަލައެއްގައި ލިބެންޖެހޭ ފައިސާ އެވެ. އޭގެ ތެރެއިން 149 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި ބެލި މައްސަލަތަކުގައި ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އޭސީސީން ބުނިގޮތުގައި އެ މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދަން ދައުލަތުގެ އެކި އިދާރާތަކަށް އެ ކޮމިޝަނުން ވަނީ އަންގައިފަ އެވެ. އަދި އޭގެ ތެރެއިން 7.7 މިލިއަން ރުފިޔާ ފުރަތަމަ ހަ މަހު ދައުލަތަށް އަނބުރާ ހޯދާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.