މީހުން ސަލާމަތް ކުރަން ނުކުތް އެމްއެންޑީއެފް ޑިންގީއަށް ވީ ކިހިނެއް؟

މިދިއަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް 10 މީހުންނާ އެކު ދަތުރު ކުރި "ސްޕީޑް" ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެންމެ ފުރަތަމަ ނުކުތް ޑިންގީއަށް އަސްލު ވީ ގޮތް އަދިވެސް އެމްއެންޑީއެފުން ކިޔަައެއް ނުދެ އެވެ.


ހަނިމާދޫގައި ހުންނަ ސިފައިންގެ ޕޯސްޓަށް، ލޯންޗު ފެތިގެން އުޅޭކަން އެންގީ، "ސްޕީޑް"ގެ ކެޕްޓަން ސިރާޖު އަދުނާން ،36، އެ ގަދާގައި ފަތާފައި ރަށަށް އަރައި، އެ ޚަބަރު ދިނުމުންނެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭރު އެ ޕޯސްޓްގައި ހުރީ އެތަނުގެ އިންޗާޖު އަބްދުލްޣަފޫރު އަބްދުއްސައްތާރެވެ.

ވެގެން އުޅޭ ގޮތް ބޮޑަށް ސާފުވީ، "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެތަނުގައި ސިރާޖަށް އަވަސް ފަރުވާދީ، އޭނާ ހަމަޔަކަށް އެޅުވުމުންނެވެ. އެހާ ހިސާބުން އެ ކުއްލި ހާލަތުގައި ވީހާވެސް އަވަހަކަށް އެތަނަށް ދިއުމަށްޓަކައި ސިފައިންގެ ފުރަތަމަ ގްރޫޕް ދަތުރު ފެށީ 14 ވަރަކަށް ފޫޓުގެ ޑީންގީއެއްގަ އެވެ.

ލޯންޗުގެ ވެރިޔާ އަލީ އަަބްދުﷲ (ކ) މަރުވި ހުސެއިން އަބްދުﷲ ގެ ދަރިފުޅު މުހައްމަދު ގިޔާސް، އޭނާގެ އެހެން ބޮޑުބޭބެއަކާ އެކު، އަދި ކައްޕި ސިރާޖު އަދުނާނު (ވ)

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކުގައި ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑެވެ. ކޯސްޓް ގާޑުގެ އުޅަނދުތަކާއި އެހެން ލޯންޗުތައް އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތުގަ އެވެ. އެކަމަކު ހަނިމާދޫގެ ބޮޑު ފަޅުގައި، ގަދަ ކޮޅިގަނޑެއްގެ ތެރޭ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މީހުން ސަލާމަތްކުރަން ބެލިއިރު، އެ ޑިންގީ ނޫން އެހެން އުޅަނދެއް، ސިފައިންގެ އަތުގައި ނެތް ކަމަށްވެ އެވެ. އެހެންކަމުން ފުރަތަމަ ގްރޫޕް، އެ ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި، އެ ސަރަހައްދަށް ދާން ނަައްޓާލީ އޭގަ އެވެ.

ބަންޑުން ޖަހާލައިފައި އޮތް ލޯންޗު ކައިރިއަށް ޑިންގީ ގޮސް އެންމެ ފުރަތަމަ ނެގީ، އޭރު ސަލާމަތުން ތިބި އަބްދުލް ޝުކޫރު ،57، އާއި އައިމިނަތު އާސިމާ، 29، އަދި އައިޝަތު ޝެހެނާޒް، 29، އެވެ. އެ މީހުން ތިބީ ލޯންޗާ އެކު ވާގަނޑެއްގައި ހިފަހައްޓައިގެންނެވެ.

އެ ލޯންޗުގެ ވެރިޔާ އަދި ކައްޕިއެއް ކަމަށްވާ އަލީ އަބްދުﷲ ވަނީ ސިރާޖާ އެކު ފަތާގައި އެއްގަމަށް އަރައިފަ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އޭނާއަށް ހަނިމާދޫ އަތުވާ ވަރުވީ ސިރާޖަށް ފަހު އެވެ.

ސަލާމަތުން ތިބި ތިން މީހުން ޑިންގީގައި ފުރަތަމަ ގެންދިޔައީ، ލޯންޗު އަޑިއަށް ދިޔަ ސަރަހައްދާ ދިމާލުން އެއްގަމުގައި ހުރި އެމްއެންޑީއެފްގެ ޕޯސްޓަށެވެ. ހަނިމާދޫ ސިއްހީ މަރުކަޒަށް ބަދަލުކުރީ އެތަނުގައި އަވަސް ފަރުވާ ދިނުމަށް ފަހު އެވެ.

އެމްއެންޑީއެފުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވަނީ ދެ ވަނަ ފަހަރަށް ލޯންޗު ދޮށަށް ދާން ސިފައިންގެ އެ ގްރޫޕް ޑިންގީގައި ނައްޓާލި ފަހުން ދެން ވީ ގޮތެވެ. މައުލޫމާތު ހުރި ބައެއް މީހުން "މިހާރު"އަށް ކިޔައިދިން ގޮތުގައި، ވަކި ހިސާބަކަށް ދިޔަ ތަނުން ނެގި ބޮޑު ރާޅެއްގައި ޑިންގީ ބަންޑުން ޖަހާލީ އެވެ. އެކަމަކު އޭގައި ތިބި ސިފައިން ފަތާގައި އެއްގަމަށް އެރީ އެވެ.

މި އޮޕަރޭޝަންގައި ޑިންގީއެއް ބޭނުންކުރަން ޖެހުނީ އެވަގުތު ހަނިމާދޫގައި އެމްއެންޑީއެފްގެ ލޯންޗެއް ނެތުމުންނެވެ. ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފްގެ ހާބަ ޕެޓްރޯލް ލޯންޗު ދިޔައީ، ހދ. ކުޅުދުއްފުށިން ކަމަށް، "މިހާރު"އަށް އެނގިފައިވެ އެވެ.

"ސްޕީޑް" ލޯންޗު ހަނިމާދުއަށް އެހެލަން މަސައްކަތް ކުރަނީ: ލޯންޗު ބަންޑުން ޖަހާލީ އައި ވަރުގަދަ ކޮޅިގަނޑެއްގައި

މިދިއަ ހުކުރު ދުވަހު "މިހާރު"ގެ ޓީމު ހަނިމާދުއަށް ގޮސް ލިއުނު އެއް ރިޕޯޓްގައި، ހާދިސާ ހިނގި ތަނަށް ދާން ފުރަތަމަ ދަތުރުކުރި ސިފައިންގެ ޑިންގީ ބަންޑުން ޖަހާލި ވާހަކަ އޮތެވެ. އެކަމަކު އޭރު މައުލޫމާތު ލިބުނީ، ސިފައިންގެ ފުރަތަމަ ގްރޫޕަށް ލޯންޗާ ހަމައަށް ނުދެވޭ ކަމަށެވެ. ފަހުން ބައެއް މީހުންގެ ވާހަކަތަކުން ޔަގީންވީ، ޑިންގީ ބަންޑުން ޖަހާލީ ކަނޑުވެފައި ތިބި ތިން މީހުން ސަލާމަތްކުރުމަށް ފަހު ދެން ދާން އުޅުނު ދަތުރުގައި ކަމެވެ.

ޑިންގީ ބަންޑުން ޖަހާލާފައި އޮތް ތަން ފެންނަ ފޮޓޯއެއް ވެސް ބައެއް މީހުން ގެންގުޅުނެވެ.

ހާދިސާގައި މަރުވި ހަތަރު މީހުންނާއި ކުޑަ ކުއްޖާގެ ހަށިގަނޑު ހޯދައި، އެއްގަމަށް އެރުވީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ކުޅުދުއްފުށިން އެތަނަށް ދިޔަ ހާބާ ޕެޓްރޯލް ލޯންޗުގެ ސިފައިންނެވެ.

ހިތާމަވެރި ހާދިސާގައި މަރުވި މީހުން

- ހުސެއިން އަބްދުﷲ ،55، އަހިމާގެ، ނޮޅިވަރަންފަރު

- މަރިޔަމް މައުސޫމް، 48، ހުސެއިންގެ އަންހެނުން

- ފާތުމަތު ގުރައިޝާ، 30، ހުސެއިންގެ ދަރިފުޅު

- އީރާ ހަސަން ޝިފާޒް، 3، ގުރައިޝާގެ އަންހެން ދަރިފުޅު

- އައިޝަތު އަލީ، 51، ސަލާމަތްވި ޝުކުރޫގެ އަންހެނުން

ކަައްޕި ސިރާޖުގެ ހިތްވަރު ގަދަ

ލޯންޗު ބަންޑުން ޖަހާލުމާ އެކު ސިރާޖު ވަނީ މީހުން ސަލާމަތްކުރަން ހިތްވަރު ދޫނުކޮށް މަސައްކަތްކޮށްފަ އެވެ. އޭނާ ހަނިމާދުއާ ދިމާއަށް ފަތައިގަތީ، ސަލާމަތްވި މީހުންނަށް ވެސް އިތުރު އެހީއެއް ލިބެން އޮތީ، އެ ރަށަށް އަރައި، އެކަން އެންގުމުން ކަމަށް ފެނިގެންނެވެ. އެގޮތަށް އޭނާ ކަންތައް ކުރީ ކަނޑުވެފައި ތިބި އެހެން މީހުންގެ ކައިރީގައި އަހާފައި ކަމަށް ވެސް، "މިހާރު"އަށް އެނގިފައިވެ އެވެ.

ލޯންޗު ބަންޑުން ޖަހާލި ސަރަހައްދާއި ހަނިމާދޫ ގޮނޑުދޮށާ ފުދޭވަރެއްގެ ދުރުމިނެއް ހުރެ އެވެ. ހުޅަނގު މޫސުމުގައި އެ ހިސާބުގަނޑު އެހާ ގަދަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ފުއްޓަރު ފަރާތަށް ރާޅު ނަގާ ގޮތަށް، އެ ހިސާބުގައި ވެސް ރާޅު ބޮޑުވެ އެވެ. އެކަމަކު ވަރުގަދަ ކޮޅިގަނޑަކާ އެކު ކެކިގެންފައި އޮތް މޫދުގައި ސިރާޖަށް ފަސޭހަ އިން އެއްގަމަށް އެރުނީ އޮޔާއި ވައި ހުރީ އެއްގަމާ ދިމާލަށް ކަމަށް ވުމުންނެވެ.

10 މީހުންނާ އެކު ބަންޑުން ޖަހާލި "ސްޕީޑް" ލޯންޗުގެ އެތެރެ

ސިފައިންގެ ޑިންގީއަށް ވީ ގޮތާ ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން ނުދިން ނަމަވެސް، އެއީ ނުހިނގާ ކަމެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.