ބޭރޫތު (ސެޕްޓެމްބަރު 2) - ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ހިޒްބުﷲ އާއި އިޒްރޭލުން އިއްޔެ ވައިގެ ހަމަލާތައް ބަދަލުކޮށްފި އެވެ.
އިޒްރޭލުން ބުނެފައި ވަނީ ދެކުނު ލުބުނާނަށް ރޮކެޓް ހަމަލާ ދިނީ އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ހިޒްބުﷲ އިން ހަމަލާ ދިނުމުން ކަމަށެވެ. އިޒްރޭލް ސިފައިންގެ ކޭމްޕަކަށް ހަމަލާ ދިނީ އިޒްރޭލުން ކުރިން ދިން ޑްރޯން ހަމަލާއާ އަށް ރައްދު ދިނުމަށް ކަމަށް ހިޒްބުﷲ އިން ބުނެފައިވެ އެވެ.
އިޒްރޭލް ސިފައިން ބުނެފައި ވަނީ ހިޒްބުﷲ ގެ މިސައިލްތައް ވަނީ ބޯޑަރުގައި އޮންނަ އަވަށެއް ކަމަށްވާ އަވިވިމް ޓައުނަށް އަރައިފައި ކަމަށެވެ.
ހިޒްބުﷲ އިން ބުނީ އެ ޖަމާއަތުން ފޮނުވާލި މިސައިލް ހަމަލާގައި އިޒްރޭލުގެ ޓޭންކެއް ހަލާކުވެ އޭގައި ތިބި އިޒްރޭލް ސިފައިން މަރުވެފައިވާ ކަމަށެވެ. ނަމަވެސް ހިޒްބުﷲ ގެ ހަމަލާގައި އެއްވެސް މީހަކު މަރު ނުވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި ރައްދުގައި ދިން ހަމަލާތައް ހިޒްބުﷲ ގެ 100 އަށް ވުރެ ގިނަ އަމާޒުތަކަށް ވަނީ އަރައިފަ އެވެ. ލުބުނާން ސިފައިން ބުނީ ބޯޑަރު ޓައުނެއް ކަމަށްވާ ޔާރޫން އަދި މަރޫން އަލް ރާސް އަށް އިޒްރޭލުން 40 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވާ ކަމަށެވެ.
ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ އިޒްރޭލުގެ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ. ހިޒްބުﷲގެ އިންޒާރާ ގުޅިގެން އިޒްރޭލުން ވަނީ އިތުރު ސިފައިން ބޯޑަރަށް ފޮނުވައިފަ އެވެ.
އިޒްރޭލާއި ހިޒްބުﷲ އިން 2006 ވަނަ އަހަރު ވަނީ ހަނގުރާމައެއް ކޮށްފަ އެވެ. އެ ހަނގުރާމައިގައި އިޒްރޭލް ސިފައިންގެ 160 މީހުން މަރުވެފައިވާ އިރު ލުބުނާނުން ވަނީ 1،200 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.