މަގޫދޫން ކުނި ބޭރުނުކުރާތާ އަހަރެއް، ރަށުގައި ޑެންގީ ފެތުރެނީ

ނ. މަގޫދޫން ކުނި ބޭރު ނުކުރާތާ އަހަރެއް ވެއްޖެކަމަށާއި، އެކަމުގެ ސަބަބުން ރަށުގައި ބަލިމަޑުކަން ފެތުރެމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.


މަގޫދޫ ކައުންސިލް މެމްބަރު އަބްދުހްހަލީމް އަހުމަދު "މިހާރު" އަށް ވިދާޅުވީ އެ ރަށު ކައުންސިލުން ވެމްކޯއާ އެކު 2017 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން މަހަކު އެއްފަހަރު އެ ރަށުން ކުނި ގެންދަން ޖެހޭ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެރަށުން ކުނި ނުގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ކުނި ގިނަވުމުން ސާފުތާހިރުކަން ދަށްވެ، މަދިރި އާލާވަމުން އަންނަ ކަމަށެވެ. އަދި އެ ރަށުގައި ކިޔަވާ ތިން ދަރިވަރަކަށް މިދިޔަ ތިން ހަފުތާ ތެރޭ ޑެންގީ ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނ. މަގޫދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު -- ފޮޓޯ: މަގޫދޫ ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުން ކުނި ބޭރުކުރަމުން ދިޔަ ނަމަވެސް ފަހުން ކުނި ބޭރު ކުރަން ފެށީ ތިން މަހުން ތިން މަހުން ކަމަށެވެ. އަދި އޭގެ ފަހުން ހަ މަހުން ކުނި ބޭރުކުރަން ފެށި ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރަށުގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ސެންޓަރު މިހާރު ވަނީ ފުރިިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށުގައި ކުރިން ބޭނުން ކުރަމުން ދިޔަ ކުނި ގޮނޑުތައް ވެސް މިހާރު ހުރީ ފުރިފައި ކަމަށް ވިދާޅުވި އެވެ.

ވެމްކޯ އިން ބުނީ ރ. ވަންދޫގައި ގާއިމްކޮށްފައިވާ އެ ކުންފުނީގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ މިހާރު ދަނީ މަރާމާތު ކުރަމުން ކަމަށާއި އެހެންވެ އެ ސަރަހައްދުގެ ރަށްތަކުން ކުނި ނުގެންދެވޭ ކަމަށެވެ. އަދި ވަންދޫގެ ސެންޓަރު އޮޕަރޭޝަނަށް ގެނެވުމުން ވެމްކޯއާ އެކު އެއްބަސްވުން ހަދާފައިވާ ރަށްތަކުން ކުނި އުކާލުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.