އޭސީސީގެ އާ މެމްބަރުންނަށް ފުރިހަމަ މައުލޫމާތު ދީފިން: މުއައްވިޒް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މިހާރު ތިބި މެމްބަރުންގެ މަގާމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާއިރު، މިހާރު ބަލަމުން އަންނަ މައްސަަލަތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ފުރިހަމަ މައުލޫމާތު އާ މެމްބަރުންނަށް ދީފައިވާ ކަމަށް އެކޮމިޝަނުގެ ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


އޭސީސީގައި މިހާރު ތިބި މެމްބަރުންގެ ދައުރު ހަމަވާތީ، ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތައް ކުރިއަށް ގޮސްފައިވާ މިންވަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްކޮންފަރެންސެއްގައި މުއައްވިޒް ވިދާޅުވީ އާ މެންބަރުންނާ "އޮމާންކަމާ އެކު މަސައްކަތް ހަވާލުކުރަން" ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ.

"ކޮމިޝަނަށް އަލަށް އައްޔަންކުރެވުނު މެމްބަރުންނާ އެކު ވޭތުވެ ދިޔަ ހަތަރު ދުވަސް ތެރޭގައި މަސައްކަތްތަކެއް ވަނީ ކުރެވިފައި. އާދީއްތަ ދުވަހުން ފެށިގެން ބުދަދުވަަހުގެ ނިޔަލަށް ހާއްސަ އޮރިއެންޓޭޝަން ޕްރޮގްރާމްތަކެއް އަަލަށް ގުޅިވަޑައިގަންނަވާ ބޭފުޅުންނަށް އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. މިހާރު އެ މަސައްކަތް ވަނީ ނިމިފައި،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ހޯމަ ދުވަހު އާ މެމްބަރުން ކޮމިޝަނަށް ވަޑައިގެން ވަރަށް ހަރުދަނާ ކަމާ އެކު މަސައްކަތް ކުރިއަށް ގެންދެވޭ ވަަރަށް މައުލޫމާތު ދެވިފައިވާ ކަމަށެވެ. އޭސީސީގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކުރުމަށް މިހާރު ތިއްބެވި މެމްބަރުން ބައެއް ކަންތައްތައް ކުރިއަށް ރާވާފައިވާ ކަމަށާއި އެ މައުލޫމާތު ވެސް އާ މެމްބަރުންނަށް ދެއްވާފައިވާނެ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އޭސީސީގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނީ ގާނޫނީ ގޮތުންނާއި މާލީ ގޮތުން ހުރި ގޮންޖެހުންތައް ހައްލުވުމާ އެކު ދައުލަތުގެ އެހެން އިދާރާތަކުން މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ.

"ދައުލަތުގެ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުން އެންޓިކޮރަޕްޝަން ކޮމިޝަނަށް ލިބިގެން، ހަމަ އެއާ އެއްކޮށް ހާއްސަ ގޮތެއްގައި ގާނޫނީ ގޮތުން ކޮމިޝަނަށް ދިމާވެފައި ހުރި ގޮންޖެހުންތަކާ ބަޖެޓްގެ ގޮތުން ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރެވިގެން ކުރިއަށް ގޮސްފިކަމަށް ވަންޏާ މުސްތަގުބަލްގައި ކޮމިޝަންގެ މަސައްކަތްތައް މިހާރަށް ވުރެ ވެސް ހަރުދަނާކޮށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މުއައްވިޒް ވިދާޅުވި އެވެ.

އޭސީސީ އަށް ކަނޑައެޅި އާ މެންބަރުންނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މަސައްކަތް ކުރެއްވި އިބްރާހިމް ޝަކީލާއި ޓްރާންސްޕޭރަންސީގައި މަސައްކަތް ކުރައްވާ މަރިޔަމް ޝިއުނާ އާއި އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ފާތުމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އާއި ވިލާ ކޮލެޖުގެ މާކެޓިން ޑިރެކްޓަރު، އަލީ އަޝްރަފެވެ.