މަސްތުވާތަކެތި ދީ، ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، އެ ކުއްޖާއާ އެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އުމުރުން 16 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތި ދީ، ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ކަމުގެ މައުލޫމާތު ރޭ ދަންވަރު 1:45 ހާއިރު ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 33 އަހަރާއި 44 އަހަރުގެ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" އޮފިޝަލް ވިދާޅުވި އެވެ.

ކުޑަކުއްޖަކު ހިމެނޭތީ އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.