މިދިޔަ އަށެއްކަ އަހަރު ޕްރައިމްޓައިމް އެމީ އެވޯޑްސްގައި ބޮޑެތި ރެކޯޑުތަކެއް މުގުރަމުން ދިޔަ އެޗްބީއޯގެ ޑްރާމާ "ގޭމް އޮފް ތުރޯންސް" އަށް، މިފަހަރު ވެސް އެންމެ މޮޅު ޑްރާމާގެ އެވޯޑް ލިބިއްޖެ އެވެ. އެކަމަކު މިދިޔަ އަހަރުގެ އެމީ ރެކޯޑް އެމީހުންނަށް މިފަހަރު ހިފަހައްޓައެއް ނުލެވުނެވެ.

ޕްރައިމްޓައިމް އެމީގައި ގިނަ ކެޓަގަރީތަކަކުން ނޮމިނޭޓުވި ނަމަވެސް، އެމީހުންނަށް ލިބުނީ އެންމެ ދެ އެވޯޑެވެ. އެއީ އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު، ޕީޓާ ޑިންކުލޭޖަށެވެ.

މިފަހަރު އެމީގެ ކްރިއޭޓީވް އާޓްސް އެވޯޑް އެޑިޝަންގައި އެމީހުނަށް ލިބުނީ 10 އެވޯޑެވެ. އެހެންވީމަ މުޅި ޖުމްލަ މިފަހަރު އެމީހުނަށް ލިބުނީ 12 އެވޯޑެވެ. އެކަމަކު މިދިޔަ އަހަރު، މުޅި ޖުމްލަ 13 އެވޯޑު އެމީހުން ގެއަށް ގެންދިޔަ އެވެ.

މިފަހަރު ވެސް އެންމެ ގިނަ އެވޯޑްތައް ގެންދިޔައީ އެޗްބީއޯގެ ޑްރާމާތަކުންނެވެ. އެއީ 34 އެވޯޑެވެ. ނެޓްފްލިކްސް އަށް ލިބުނީ 27 އެވޯޑެވެ. އަދި އެމެޒޯން އަށް 15 އެވޯޑެވެ. މިދިޔަ އަހަރު އެޗްބީއޯ އާއި ނެޓްފްލިކްސް ގަދަ ހިފުމަކަށް ގޮސް، ދެބައި މީހުނަށް ވެސް ލިބުނީ 25 އެވޯޑެވެ.

ގޭމް އޮފް ތުރޯންސްގެ ކާސްޓާއި ކްރޫ، އެމީ އެވޯޑްސް 2019 ގައި.
ގޭމް އޮފް ތުރޯންސްގެ ކާސްޓާއި ކްރޫ، އެމީ އެވޯޑްސް 2019 ގައި.

އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތައް؛

* އެންމެ މޮޅު ޑްރާމާ ސީރީޒް - ގޭމް އޮފް ތުރޯންސް

* އެންމެ މޮޅު ކޮމެޑީ ޑްރާމާ ސީރީޒް - ފްލީބޭގް

* އެންމެ މޮޅު ލިމިޓެޑް ސީރީޒް - ޗެނޮބީލް

* ޑްރާމާ ސީރީޒް، އެންމެ މޮޅު އެކްޓަރު - ބިލީ ޕޯޓާ / ޕޯޒް

* ޑްރާމާ ސީރީޒް، އެންމެ މޮޅު އެކްޓްރެސް - ޖޯޑީ ކޯމާ / ކިލިން އީވް

* ޑްރާމާ ސީރީޒް، އެންމެ މޮޅު ސަޕޯޓިން އެކްޓަރު - ޕީޓާ ޑިންކުލޭޖް / ގޭމް އޮފް ތުރޯންސް

* ޑްރާމާ ސީރީޒް، އެންމެ މޮޅު ސަޕޯޓިން އެކްޓަރެސް - ޖޫލިއާ ޖާނާ / އޮޒާކް