ތެހެރާން (ސެޕްޓެމްބަރު 23) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕެރޯ ދޫކޮށްލައިފި ކަމަށް ތެހެރާނުން މިއަދު ބުނެފި އެވެ.

"އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ދޫކޮށްލުމާ ގުޅޭ ގާނޫނީ ހުރިހާ ކަމެއް މިހާރު ނިމިފައި ވަނީ. އެހެންވެ ޓޭންކަރު މިހާރު ވަނީ ދޫކޮށްލާފައި،" އީރާން ސަރުކާރުގެ ތަރުޖަމާން އަލީ ރާބިއީ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ދިދަ ނަގައިގެން ދަތުރުކުރި ނަމަވެސް ޓޭންކަރުގެ އަސްލު ވެރިފަރާތަކީ ސްވިޑަންގެ ސްޓެނޯ ބަލްކް ކުންފުންޏެވެ.

ސްވިޑަންގައި ރަޖިސްޓްރީކޮށްފައިވާ އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަރާ ޓޭންކަރުގެ 23 ފަޅުވެރިންނާ އެކު ހިފެހެއްޓީ ޖުލައި 19 ވަނަ ދުވަހު އެވެ. އީރާނުން މި މަހު ކުރީކޮޅު ވަނީ އެ ޓޭންކަރުގެ ހަތް ފަޅުވެރިއަކު ދޫކޮށްލައިފަ އެވެ. ދޫކޮށްލީ އިންޑިއާގެ ފަސް ފަޅުވެރިންނާއި ލެޓްވިއާ މީހަކާއި ރަޝިޔާ ފަޅުވެރިއެކެވެ. ސްޓެނާ އިމްޕެރޯ އޮތީ އީރާނުގެ ބަންދަރު އައްބާސްގަ އެވެ.

އީރާނުން ބުނެފައި ވަނީ އެ ޓޭންކަރު ހިފެހެއްޓީ ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ. އެކަމަކު އެ ޓޭންކަރު ހިފެހެއްޓީ އީރާނުގެ ތެޔޮ ހުރި ޓޭންކަރަކަށް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓިތާ ދެ ހަފުތާ ފަހުންނެވެ. އިނގިރޭސި ވިލާތުން ބުނެފައި ވަނީ ގްރޭސް 1ގެ ނަންދީފައިވާ ޓޭންކަރު ހިފެހެއްޓީ، ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް، ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. ނަމަވެސް ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ހުއްދަ ދިނުމުން އެ ޓޭންކަރު ވަނީ އެ ގައުމުން ފުރައިފަ އެވެ. އޮގަސްޓް 15 ވަނަ ދުވަހު ޓޭންކަރު ފުރިއިރު ވަނީ އެޑްރިއަން ޑަރިއާ 1 ގެ ނަމަށް ބަދަލުކޮށްފަ އެވެ. އީރާނުން އޭރު ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ.