މާބަނޑުވުމުން ހަށިގަނޑަށް އަންނަ ބަދަލާއެކު ފަލަވެ ބަރުދަން އެތައް ގުނައަކަށް އިތުރުވެގެންދެ އެވެ. ވިހެއުމަށް ފަހު ވެސް ހަށިގަނޑަށް ބަދަލެއް ނައިސް އެގޮތުގައި ހުރެ އެވެ. މައިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ އެވެ. ވިހެއުމަށް ފަހު ބަރުދަން ލުއިކުރަން ހާއްސަ ޑައިޓެއް ފޮލޯކުރަން ބޭނުންވިޔަސް ދަރިފުޅުގެ ސިއްހަތަށް އެކަމުން އަސަރެއް ކޮށްފާނެތީ ކެއުމަށް ބޮޑު ބަދަލެއް ގެންނާކަށް ނުކެރެ އެވެ.
ރަނގަޅު ސިއްހަތެއްގައި ހުރެގެން ނޫނީ އެންމެ ރަނގަޅަށް ދަރިފުޅު ނުގެންގުޅެވޭނެތީއާ ވެސް އެކުގަ އެވެ. އެހެންވީމާ ކެއުމަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެ އެވެ. ހާއްސަކޮށް، ގާތުން ދޭ މައިންނެވެ.
ސޭމަން
ވިހައިގެން އުޅޭ ދުވަސްވަރު ކެއުމުގައި ސޭމަން ހިމެނިދާނެ އެވެ. އެއީ ގައިގައި ވަރުޖައްސާ ހަށިގަނޑަށް ބޭނުން އެހެން ގިނަ މާއްދާތަކެއް ވެސް އޭގައި އެކުލެވޭ މަހެކެވެ. އަދި އޭގައި ހިމެނޭ "ޑީއެޗްއޭ" އަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ވެސް މުހިންމު މާއްދާ އެކެވެ.
ސޭމަން އަކީ މޫޑު ރަނގަޅުކޮށްދީ ޕޯސްޓްޕާޓަމް ޑިޕްރެޝަނުން ވެސް މީހާ ދުރުކޮށްދޭނެ އެއްޗެކެވެ. ނަމަވެސް މާބަނޑު މީހުންނާއި ގާތުންދޭ މައިން މާގިނައިން ސޭމަން ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
ލޯ ފެޓް ޑެއިރީ ޕްރޮޑަކްޓްސް
ޔޯގަޓް، ކިރު، ޗީޒް އަދި އެހެން ޑެއިރީ ޕްރޮޑަކްޓްތަކަކީ ގާތުންދޭ މައިންނަށް މުހިންމު އެއްޗިއްސެވެ. ކިރަކީ ކެލްސިއަމާއި، ވިޓަމިން ބީ އަދި ވިޓަމިން ޑީ ވެސް ގިނަ އަދަދަކަށް ފޯރުކޮށްދޭ ބާވަތެކެވެ. މިއީ ކުޑަ ދަރިފުޅަށް ވެސް ކޮންމެހެން ބޭނުންވާ މާއްދާ އެކެވެ. އެހެންކަމުން އެންމެ މަދުވެގެން ދުވާލަކު ތިން ތަށި ކިރު ނުވަތަ ޑެއިރީ ޕްރޮޑަކްޓެއް ބޭނުންކުރެވިދާނެ އެވެ.
ބީންސް / ލެގޫމްސް
ކިޑްނީ ބީންސް އާއި ބްލެކް ބީންސް ފަދަ ގިނަ އަދަދަކަށް އަޔަން ހިމެނޭ ބާވަތްތައް ކެއުމުގައި ހިމަނަންވާނެ އެވެ. ހާއްސަކޮށް އެކި ބާވަތްތަކުގެ މަސް ކާހިތްނުވާ މީހުންނެވެ.
ބްރައުން ރައިސް
ކެއުމުގައި ކޮންމެހެން ވެސް ބަތް ހިމަނަންވާނެ އެވެ. ވިހެއުމާ ގުޅިގެން ހަށިގަނޑަށް އިތުރުވި ބަރުދަން ލުއިކުރާށޭ ކިޔާފަ ކާބްސްގެ ބައި ދޫކޮށްނުލާށެވެ. މި ދުވަސްވަރު ކާބްސް އަކީ ހަށިގަނޑަށް އަދި ތުއްތު ދަރިފުޅަށް ވެސް މުހިންމު މާއްދާ އެކެވެ. އެގޮތުން ބްރައުން ރައިސް އަކީ ރަނގަޅު ޗޮއިސްއަކަށްވާނެ އެވެ.
އޮރެންޖް
އޮރެންޖާއެކު ކެއުމުގައި ހިމަނަން މާއުނދަގޫ ބާވަތަކަށް ވެސް ނުވާނެ އެވެ. ފަސޭހައިން އަގުހެޔޮކޮށް ލިބޭ މޭވާއެއްވެސްމެ އެވެ. މިއީ ހަށިގަނޑުގައި ވަރުޖައްސައިދޭ މޭވާ އެކެވެ. ގާތުން ދޭ ދުވަސްވަރު ވީހާވެސް ގިނައިން ވިޓަމިން ސީ ބޭނުންވާނެ އެވެ. އޮރެންޖަކީ އެންމެ ރަނގަޅު އޮޕްޝަން އެވެ.