މާވެލް ސްޓޫޑިއޯސް އާއި ސޮނީ ޕިކްޗާސްގެ މެދުގައި އުފެދުނު ކޯޅުންގަނޑު ހަމައަކަށް އެޅި، އެންމެފަހުން ސްޕައިޑަމޭން މާވެލް ސިނެމެޓިކް ޔުނިވާސް އަށް އަލުން ގެންނަން ނިންމައިފި އެވެ. އެ ދެ ސްޓޫޑިއޯ އަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވި، އާ ފިލްމު ވެސް އިއުލާނުކޮށްފަ އެވެ.
އެ ދެ ސްޓޫޑިއޯ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އާ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފިޖް ކަމަށެވެ. އަދި ސްޕައިޑަމޭންގެ ރޯލު ކުޅޭނީ ޓޮމް ހޮލެންޑެވެ. ޖުލައި 16، 2021 ގައި އަންނަ އާ ފިލްމު ވެސް ޑައިރެކްޓުކުރާނީ، ކުރީގެ ދެ ފިލްމު ވެސް ޑައިރެކްޓުކުރި ޖޮން ވޮޓްސް އެވެ.
މިދިޔަ މަހުގައި އެ ދެ ސްޓޫޑިއޯސްގެ މެދުގައި ފިލްމުން ލިބޭ ފައިދާ ބަހާނެގޮތަކާއި މެދުގައި ދެބަސްވުންތަކެއް އުފެދި މާވެލް ސްޓޫޑިއޯސްގެ އަތުން ސްޕައިޑަމޭން އަތުލި އެވެ. މާވެލްގެ މައި ކުންފުނި، ޑިޒްނީ ބޭނުންވީ 50/50 ޑީލްއެއް ހެދުމަށެވެ. އެކަމަކު ސޮނީން އެގޮތަކަށް އެއްބަހެއް ނުވި އެވެ.
އާ ޑީލްގެ ދަށުން ޑިޒްނީ އަށް ލިބޭނީ 25 ފަސެންޓުގެ ފައިދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމު އިޝްތިހާރު ކުރުމުގެ ހުރިހާ ރައިޓްސްއެއް ކުރިން އޮތް ގޮތަށް ޑިޒްނީ އަށް ދީފައިވެ އެވެ. އަދި އާ ޑީލްގެ ދަށުން ވެސް މާވެލް ސްޓޫޑިއޯސްގެ އެހެން ފިލްމުތަކުގައި ސްޕައިޑަމޭން އުޅޭނެވެ.