ހަނގުރާމައަށް ދާން އުޅުނު ތިން މީހަކު ހިފަހައްޓައި އިތުރު މީހަކު ރާއްޖެ ގެނެސްފި

ހަނގުރާމަކުރަން ރާއްޖެއިން ބޭރަށް ފުރަން އުޅުނު ތިން މީހަކު ހިފަހައްޓައި، ބޭރުގައި ޓެރެރިޒަމްގެ އަމަލު ހިންގަން އުޅުނު މީހަކު ގެނެސް ހައްޔަރުކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް ކައުންޓަ ޓެރެރިޒަމް ސެންޓަރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖިހާދަށް ދިއުމަށް ފުރަން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ދެ މީހަކު ކަމަށެވެ.

ޖިހާދަށް ދިއުމަށް ފުރަން އުޅުނު ތިން މީހަކު އަތުލައިގަތީ ކޮންއިރަކު ކަމެއް އަދި އެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް އާދަމް ޝަރީފް ނުދެއްވަ އެވެ.

މިނިސްޓަރު ވަނީ ރާއްޖެއިން ޓެރެރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ގޮސް އުޅެނީ 49 މީހަކު ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރުކުރައްވައިފަ އެވެ. އަދި ހަނގުރާމައަށް ދިއުން ދިވެހިން މަދުކުރުމަށް ކައުންޓަ ޓެރެރިޒަމް ސެންޓަރުން އާއްމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި އެމްއެންޑީއެފްގެ ކާނަލް އަބްދުއްރަހީމް ވިދާޅުވީ ކައުންޓަ ޓެރެރިޒަމް ސެންޓަރުން ކުރި ދިރާސާއިން ދައްކާ ގޮތުގައި ހަނގުރާމައަށް ރާއްޖެއިން ބޭރަށްދާ ކަމަށް ބޮޑަށް ފާހަގަކުރެވެނީ އެކި އެކި ކުށްކުށުގެ ރެކޯޑްތައް އޮންނަ މީހުން ކަމަށެވެ. އަދި ހަނގުރާމަތަކަށް އެ މީހުން ފޮނުވަނީ އެ މީހުންކޮށްފައިވާ ކަންތައްތަކުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ޖިހާދުކުރުން ކަމަށް ވިސްނައިދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.