ފައިސާ ދައްކާ ގޮތަށް ޕާކް ކުރަން ހުޅުވައިލި 40 ޖާގަ ދޫކޮށްފި

ފައިސާ ދީގެން ޕާކު ކުރާ ގޮތަށް ހުޅުވައިލި ޕާކިން ޒޯނުގައި ހިމެނޭ ޖާގަތައް މާލޭ ސިޓީ ކައުންސިލުން މިއަދު ދޫކޮށްފި އެވެ.


ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮންނަ މ. ދަންޑަހެލުގޭ ބިމުގައި ޕާކިން ޒޯނެއް ހެދީ، ހަތަރު ފުރޮޅުލީ 40 އުޅަނދަށް ޕާކް ކުރެވޭ ގޮތަށެވެ. އެ ޖާގަތައް ހޯދުމަށް އެދި ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ހުޅުވީ މިދިޔަ މަހުގެ 17 ގަ އެވެ. މުއްދަތު ހަމަވި އިރު 104 ފަރާތަކުން، އެ ޖާގަތަކަށް އެދި ހުށަހަޅާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއް

އެ ޖާގަތަކަށް ހުށަހެޅި މީހުންގެ ތެރެއިން ޖާގަ ލިބުނު ފަރާތްތައް ހޮވީ، އިސްކަންދަރު ސްކޫލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ލައިގެނެވެ. އެ ޖާގަތައް އެ ފާރާތްތަކާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މި ޖާގަތަކުގައި ޕާކު ކުރާ މީހުން މަހު ފީ އެއް ދައްކަން ޖެހޭނެ އެވެ. ކާރު ނުވަތަ ވޭން ޕާކުކުރާ މީހުން މަހަކު 3،000ރ. ދައްކަން ޖެހޭ އިރު، 500-2500 ކޭޖީގެ ޕިކަޕު ޕާކު ކުރާ މީހުން ދައްކަން ހަމަޖައްސާފައި ވަނީ މަހަކު 3،500ރ. އެވެ. އެންމެ ބޮޑު އަގެއް ކަނޑައަޅާފައި ވަނީ 5000-2000 ކޭޖީގެ ޕިކަޕް ޕާކުކުރާ ފަރާތްތަކަށެވެ. އެ ޒޯންގައި އެ މީހުންނަށް ޕާކުކުރެވޭނީ މަހަކު 4،000ރ. ދައްކައިގެނެވެ.

މާލޭގައި ކުރިމަތިވެފައިވާ ޕާކު ކުރުމުގެ ދަތިކަން ހައްލުކުރަން ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.