ތައިލެންޑުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީ މިއަދު ހުޅުއްވައިދެއްވައިފި އެވެ.


މި އެމްބަސީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ތައިލެންޑާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުން އަންނަ ކަމަށެވެ. އަދި ވިޔަފާރި އާއި އިންވެސްޓްމެންޓްގެ ދާއިރާގެ އިތުރުން ތައުލީމީ އަދި ޓޫރިޒަމް ދާއިރާ ވެސް ބަދަހިވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ތައިލެންޑް އެމްބަސީގެ ރަސްމީ ވެބްސައިޓް ވެސް އެ ރަސްމިއްޔާތުގައި ލޯންޗުކުރި އެވެ.

އެމްބަސީ ހުޅުވުމުން، ތައިލެންޑުގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ޓޫރިސްޓުންނަށް ވެސް މިހާރަށް ވުރެ ރަނގަޅަށް ހިދުމަތް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ތައިލެންޑުގައި ރާއްޖޭން ހިންގަން ބޭނުންވާ ސިޔާސަތުތައް ވެސް މިހާރަށް ވުރެ ފަސޭހައިން ކުރިއަށް ގެންދެވޭނެ ކަމަށް އެތަނުން ބުންޏެވެ.

ތައިލެންޑާ އެކު އޮންނަ ގުޅުން ބަދަހިވުމުން، އެ ގައުމާ ގުޅިގެން ބައިނަލްއަގްވާމީ މުޖްތަމައުގައި މަސައްކަތްކުރަން މިހާރަށް ވުރެ ފަސޭހަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވީ، ބައިނަލްއަގްވާމީ މުޖްތަމައާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.