އެތައް ހާސް ބިދޭސީންނެއް އަނެއްކާވެސް ދަނޑަށް ޖަމާވެއްޖެ

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، ހަފްތާއެއްގެ މެދު ކެނޑުމަކަށް ފަހު ގަލޮޅު ދަނޑުގައި މިއަދު ފެށުމާ އެކު އެތައް ހާސް ބިދޭސީންނެއް ގަލޮޅު ދަނޑަށް ޖަމާވެއްޖެ އެވެ.


ކޮންމެ ހޮނިހިރު ދުވަހަކު ގަލޮޅު ދަނޑުގައި ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެކަން ކުރިއަކަށް ނުގެންދެ އެވެ. އެހެންވެ ގިނަ އަދަދެއްގެ ބިދޭސީން ވަނީ މަޖީދީ މަގުގައި ހިންގާ އެ މިނިސްޓްރީގެ ޔުނިޓެއްގެ ދޮށަށް އެއްވެ ކިޔޫ ޖައްސައިފަ އެވެ.

މިއަދު އަނެއްކާވެސް ގަލޮޅުދަނޑުގައި އެ މަސައްކަތް ފެށިއިރު އިއްޔެ ހަވީރުން ފެށިގެން ގިނަ އަދަދެއްގެ ބިދޭސީން ވަނީ ގަލޮޅުގަނޑުގެ ބޭރުގައި ކިޔޫ ހަދައިފަ އެވެ. ރޭ ދަންވަރުން ފެށިގެން އެތައް ސަތޭކަ ބިދޭސީން ތިބީ ގަލޮޅުދަނޑާ ޖެހިގެން އޮންނަ ބަނަފްސާ މަގުގައި އިށީނދެގެންނެވެ. މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަނުމަށް ގޭޓް ހުޅުވާލުމާ އެކު އެތައް ހާސް ބިދޭސީންނެއް ވަދެ މަޖީދީމަގު ސިޑިބަރި އާއި ބަނަފްސާ މަގަށްވާ ސިޑިބަރި ފުރާލި އެވެ. ބޭރުގައި ގިނަ އަދަދެއްގެ ބިދޭސީން އަދިވެސް އެއްވެ އެބަތިއްބެވެ.

ރަޖިސްޓްރީ ވުމަށް އެތައް ސަތޭކަ ބިދޭސީންނެއް ކިޔޫގައި---

ސިޑިބަރީގައި ބޭތިއްބުމަށް ފަހު ވަކި ސަފެއް ހަދައި މިނިސްޓްރީގެ މުވައްޒަފުންގެ ކައިރިއަށް ހާޒިރުކުރެ އެވެ. ސަފުތައް ބަލަހައްޓައި ކިޔޫ އަތުރަމުން ގެންދަނީ ފުލުހުންނެވެ.

ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތަށް ގިނަ އަދަދެއްގެ މުވައްޒަފުން ތިބިއިރު އެ މީހުން އަންނަނީ ބިދޭސީންގެ ފޮޓޯ ފޯނުން ނަގަމުންނެވެ. އެއަށްފަހު އެމީހުންނާ ބެހޭ މައުލޫމާތު އެއްކުރެ އެވެ. އަދި އެ ބިދޭސީންގެ އިނގިލީގައި މާކަރަކުން ފާހަގަ ޖަހަ އެވެ. އެއީ ރަޖިސްޓްރީވުމަށް އެޕޮއިންޓްމަންޓް ދީފައިވާ ބިދޭސީއެއްކަން ޔަގީން ކުރުމަށެވެ. ރަޖިސްޓްރީގެ މަސައްކަތް ކުރިއަށްދާނީ އެޕޮއިންޓްމަންޓް ހަމަޖެހޭ އުސޫލަކުން އިކޮނޮމިކް މިނިސްޓްރީއަށް ބިދޭސީން ގެންގޮސްގެންނެވެ.

ރަޖިސްޓަރީވާ ބިދޭސީން ގަލޮލު ދަނޑުގައި.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މެދު ކެނޑުމަކަށް ފަހު މިއަދު އަނެއްކާވެސް ރަޖިސްޓްރީގެ ކަންކަން ފެށީ ދިގު ކިޔޫތަކަށް ހައްލެއް ގެނައުމަށް ޓަކައި ކަމަށެވެ. މިއަދު އެކަނިވެސް އެތައް ހާސް ބިދޭސީންނަކަށް އެޕޮއިންޓްމަންޓް ހަމަޖައްސައި ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީންނަށް ކިޔޫ ނަމްބަރު ކުރިން ދޫކުރަމުން އައީ މަޖީދީމަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުގަ އެވެ. އެ މަސައްކަތް އެތަނުގައި ކުރަން ފެށުމުން ނަމްބަރު ދޫކުރަން ފެށުމުގެ އެތައް ގަޑިއިރެއް ކުރިން އެ ސަރަހައްދުގައި އެތައް ސަތޭކަ ބަޔަކު ކިޔޫގައި ޖެހެ އެވެ.