އިސްލާމްދީނަށް ފުރައްސާރަކުރުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއް ނުކުރެވޭނެ: ޔާމީން

އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ފަހު، ޑިމޮކްރަސީގެ ނަން ބޭނުން ކުރެވެން ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ކީރިތި ރަސޫލާ އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވަލަން ގޮވާލައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން، އާޓިފިޝަލް ބީޗު ކައިރީގައި ބޭއްވި އެއްވުމުގައި ޔާމީން ވިދާޅުވީ، އިސްލާދީނާ ގުޅުން ހުރި ކަންކަމުގައި ޑިމޮކްރަސީގެ ނަން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި މިނިވަން ފިކުރޭ ބުނެ މިހާރު ފަތުރަނީ ލާދީނީ ފިކުރެއް ކަމަށާއި އެއީ ޖާގަ ދެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ހައްދުން ނެއްޓޭ ހިސާބަށް މި ދިޔައީ. ދީނާ ބެހޭ ކަންކަމުގައި ޑިމޮކްރަސީއެއް ނޯންނާނެ. ދީނާ ބެހޭ ކަންކަމުގައި މިނިވަން ޚިޔާލޭ، ލިބަރަލް ވިސްނުމޭ ނޫނީ މިއީ މިހާރުގެ ޒުވާނުންގެ ވިސްނުމޭ މިއީ ދުނިޔޭގެ ހެއްލުމޭ، މިއީ އަޅުގަނޑުމެން ޖާގަ ދޭނެ ކަމެއް ނޫން،" ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި އެއްވުމުގައި އެ ޕާޓީގެ ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީއެން އަކީ "ފުނޑާލަން ޖެހޭ" ޖަމިއްޔާއެކެވެ. އަދި އެ ޖަމާއަތަށް އިތުރު ފުރުސަތެއް ދެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން ވަނީ، އިސްލާމްދީނަށް ފުރައްސާރަކޮށް، ރިޕޯޓް ނެރުނުތާ އެއް މަސް ވެގެންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވީ ކޮން ކަމެއްތޯ ސުވާލު އުފައްދަވައިފަ އެވެ. އެ ރިޕޯޓާ ގުޅޭ ގޮތުން ފުލުހުން ތަހުގީގު ހިންގަން ޖެހޭ ސަބަބެއް މިހާރު ނޯންނާނެ ކަމަށާއި ސަރުކާރުގެ މަގާމުތަކުގައި އެމްޑީއެންއާ ގުޅުން ހުރި މީހުން ތިބެގެން ހިންގޭނީ ކޮން ތަހުގީގެއްތޯ ވެސް ސުވާލުކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން.

"އެންމެން ތިބީ ރައީސް އޮފީހުގައި. ނޫނީ ދައުލަތުގެ އިސް މަގާމުތަކުގައި. މި މީހުން ތަންތަނުގައި ތިބެގެން ކޮން ތަހުގީގެއްތޯ ހިންގޭނީ؟. އެ ތަހުގީގު ހިންގާ ކަމަށް ވަންޏާ އެންމެ އިންސާފުވެރިކޮށް ތަހުގީގު ހިންގޭނީ ޕީޕީއެމްއާ ހަވާލު ކުރިއްޔާ. އަޅުގަނޑުމެން އެ ތަހުގީގު ހިންގައި ދޭނަން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ލާދީނީ ފިކުރުގެ މީހުން ތިބުމަކީ އެ ފިކުރަށް މި ސަރުކާރުން ޖާގަ ދޭކަމުގެ ސާފު ހެއްކެއް ކަމަށެވެ. ދައުލަތުގެ ގިނަ އިސް މަގާމުތަކުގައި ތިއްބެވީ އެފަދަ ބޭފުޅުން ކަމަށް ވިދާޅުވެ، ޔާމީން ދެން ވިދާޅުވީ އެކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް އިދިކޮޅު ކޯލިޝަނުން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީގެ އެމްޕީންނެއް މި ފިކުރުގެ މީހަކަށް ދައުލަތުގެ މުއައްސަސާއެއްގެ އެއްވެސް ގޮނޑިއެއްގައި އިށީންނާކަށް ވޯޓެއް ނުދޭނަން. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން." ޔާމީން ވިދާޅުވި އެވެ.

އެންމެން ތިބީ ރައީސް އޮފީހުގައި. ނޫނީ ދައުލަތުގެ އިސް މަގާމުތަކުގައި. މި މީހުން ތަންތަނުގައި ތިބެގެން ކޮން ތަހުގީގެއްތޯ ހިންގޭނީ؟. އެ ތަހުގީގު ހިންގާ ކަމަށް ވަންޏާ އެންމެ އިންސާފުވެރިކޮށް ތަހުގީގު ހިންގޭނީ ޕީޕީއެމްއާ ހަވާލު ކުރިއްޔާ. އަޅުގަނޑުމެން އެ ތަހުގީގު ހިންގައި ދޭނަން: ޔާމީން

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސްކޫލްތަކުގެ ދަރިވަރުންގެ ސިކުނޑި އަށް ލާދީނީ ފިކުރުތައް ގެނެވޭނެ ގޮތެއް ހޯދަން ސްކޫލްތަކުގެ މުގައްރަރަށް ސަރުކާރުން މިހާރު ބަދަލު ގެންނަމުން އެބަ ދެ އެވެ. އެކަމަކު އެފަދަ ބަދަލުތަކަށް ޖާގަ ނުދޭން ގޮވައިލެއްވި އެވެ.

"އަޅުގަނޑުމެންގެ ތުއްތު ދަރިންގެ މުގައްރަރުތަކުން މި ލާދީނީ ފިކުރަށް ޖާގަ ނުދެއްވާ. އަޅުގަނޑުމެން މަދަރުސާތައް ބޮއިކޮޓް ކުރަން ވެއްޖެ ކަމަށް ވަންޏާ މަދަރުސާތައް ވެސް ބޮއިކޮޓް ކުރަން ތައްޔާރުވާން ވާނެ. މި ފިކުރަކަށް ހެޔޮ ނުވާނެ ޖާގަ ދޭކަށް،" ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ޚަރަދު ކުރަނީ އިސްލާމްދީން ފޮހެލަން މަސައްކަތް ކުރާ ބޭރުގެ ޖަމާއަތްތަކުން ކަމަށް ވިދާޅުވެ، ޔާމީން މިރޭ ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް މިހާރުގެ ސަރުކާރު ގެންނަން ޚަރަދު ކުރީ ބޭރުގެ ފަރާތްތަކުން ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިއަދު ފެންނަ ނަތީޖާތަކަކީ ދިވެހިންނާ ގުޅިގެން ބޭރު ބަޔަކު ކުރަމުންދާ ކަންތައްތަކެއް ކަމަށެވެ.