މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ގައުމީ ދުވަހުގެ ޖަލްސާ ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ބޮއިކޮޓް ކުރައްވައިފި އެވެ.

އޭނާ ވިދާޅުވީ ދަރުބާރުގޭގައި ކުރިއަށްދާ ޖަލްސާ އަށް ދައުވަތު ލިބިވަޑައިގަތް ކަމަށެވެ. އެކަމަކު ވަޑައިނުގަތީ އެމްޑީއެންގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެންމެ ފާހަގަ ކޮށްްލެވުނު އެއް މިނިސްޓަރު، އުމަރު ޒާހިރަކީ މައުމޫނުގެ ބައިވެރިވުން އޮތް މިހާރުގެ ސަރުކާރަށް ތާއީދު ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި އޭނާއަކީ ގައުމީ ބޮޑެތި ރަސްމިއްޔާތުތަކަށް ގަވައިދުން ވަޑައިގަންނަވާ ވެސް ބޭފުޅެކެވެ.

އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އެގޮތުން ޖިނާއީ ތުހުމަތުތަކެއްގައި މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރު ކުރައްވާފައި ވަނިކޮށް ވެސް މައުމޫންގެ ފަރާތްޕުޅުން އިދިކޮޅު ކޯލިޝަންގެ ޖަލްސާތަކުގައި ވެސް އުމަރު ޒާހިރު ބައިވެރިވެ ވަޑައިގަތެވެ. މައުމޫންގެ ސަރުކާރުގައި އިސް މަގާމްތަކެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން މައުމޫނާ އެކު ސިޔާސީ ހަރަކާތްތަކުގައި ފަހުން އެންމެ ބޮޑަށް ބައިވެރިވެ ވަޑައިގަތް އެއް ބޭފުޅަކީ ވެސް އުމަރު ޒާހިރެވެ.

ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމްދީނަށް ހަޖޫ ޖަހައި، ފުރައްސާރަ ކޮށްފައިވާތީ އެމްޑީއެންއާ ދެކޮޅަށް މަޝްހޫރު ބައެއް ދީނީ އިލްމުވެރިންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސޯޝަލް މީޑީއާ އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީ އަދި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ހިމެނެ އެވެ. އެ މީހުން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ އެ ޖަމިއްޔާ އުވައިލުމަށާއި އިސްލާމްދީނަށް ހަޖޫ ޖަހައި ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމަށެވެ. އެ ރިޕޯޓު ލިޔުނު މީހުން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ އިރު، އޭގެ ތެރެއިން ޝަހިންދާ އިސްމާއިލް އާއި އަޒްރާ ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް ދެ ހަފުތާގެ ނޯޓިސް ދީ، ޗިޓު ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދެ މީހުން ވެސް އުޅެނީ ރާއްޖެ އިން ބޭރުގަ އެވެ.