އެމްސްޓެޑަމް (ސެޕްޓެމްބަރު 29) - އިރުމަތީ ޔޫކްރޭނުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް 2014 ވަނަ އަހަރު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް17 ވައްޓާލީ ރަޝިޔާ އިން ގެނެސްފައިވާ މިސައިލަކުން ކަމަށް ތަހުގީގު ޓީމުން ބުނެފި އެވެ.

ބޯޓު ވައްޓާލާފައި ވަނީ ވެސް އިރުމަތީ ޔޫކްރޭނުގައި ރަޝިޔާގެ މަދަދު ލިބޭ ހަނގުރާމަވެރިން ތިބޭ ސަރަހައްދަކުން ކަމަށް ވެސް ނިންމާފައިވެ އެވެ.

އެމްސްޓެޑަމުން ކުއާލަ ލަމްޕޫރަށް ދަތުރުކުރި ބޯއިން 777ގެ ބޯޓަށް ވައިގެ ތެރޭގައި ދިން މިސައިލް ހަމަލާގައި ބޯޓު ގޮވާ އެ ބޯޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފަ އެވެ.

މިސައިލް ހަމަލާގައި ވައްޓާލި މެލޭޝިއާ އެއާލައިންސްގެ ބޯޓުގެ ބައިތައް ބަލަނީ. --ފޮޓޯ:ރޮއިޓާސް
މިސައިލް ހަމަލާގައި ވައްޓާލި މެލޭޝިއާ އެއާލައިންސްގެ ބޯޓުގެ ބައިތައް ބަލަނީ. --ފޮޓޯ:ރޮއިޓާސް

ތަހުގީގު ޓީމުގެ ރިޕޯޓާ ގުޅިގެން ރަޝިޔާ އިން ބުނެފައި ވަނީ އެއީ ތެދު ކަމަށް ގަބޫލް ކުރެވެވެން ނެތް ކަމަށެވެ. އަދި ރަޝިޔާގެ އެއްވެސް ހަތިޔާރެއް ޔޫކްރޭނަށް ގެންގޮސްފައި ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. ބީބީސީއާ ވާހަކަ ދައްކަވަމުން ކްރެމްލިންގެ ތަރުޖަމާން ޑިމިތުރީ ޕެސްކޯފް ވިދާޅުވީ ރިޕޯޓްގައި "ގަބޫލް ކުރާނެ އަދި ދެކޮޅު ހަދާނެ ކަމެއް ވެސް ނެތް" ކަމަށެވެ. އެއީ ރިޕޯޓުގައި ވަނީ އެންމެ ފުރަތަމަ މަރުހަލާގެ ހޯދުންތައް ކަމަށްވާތީ އޭގައި އެއްވެސް ހެއްކެއް ނެތުމުން ކަމަށެވެ. ރަޝިޔާ އިން ކުރިން ބުނަމުން ދިޔައީ އެމްއެޗް17 އަށް ހަމަލާދިނީ ޔުކްރޭނުން ކަމަށެވެ.

ތަހުގީގު ޓީމުގެ ހޯދުންތައް އާއްމު ކުރައްވަމުން ހޮލެންޑް ފުލުހުންގެ އިންވެސްޓިގޭޓަރު ވިލްބާޓް ޕައުލިސެން ވިދާޅުވީ މިސައިލް ޔޫކްރޭނަށް ގެންދިޔައީ ބޯޓު ވައްޓާލި، ޖުލައި 17 ވަނަ ދުވަހު ހެނދުނު ކަމަށެވެ. އަދި މިސައިލް ލޯންޗާ، ޖެހިގެން އައި ދުވަހު އަނބުރާ ރަޝިޔާ އަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ތަހުގީގު ޓީމުގެ ހޯދުންތަކަށް ޔޫކްރޭނުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ވަނީ ތައުރީފް ކުރައްވައިފަ އެވެ. އަދި މި ޖަރީމާގެ ފަހަތުގައި ވަނީ ކޮން ބައެއް ކަމުގެ ހެކި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ ބޯޓު ވައްޓާލުމުގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.