މިއީ އަމީނިއްޔާއަށް ފަހުރުވެރި ދުވަހެއް: ނާޒްލީން

މިއަދަކީ އަމީނިއްޔާ ސްކޫލަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި އިލްމު ފެތުރުމުގައި އެ ސްކޫލުގެ ދައުރު ވަރަށް މުހިއްމު ކަމަށް، ޕްރިންސިޕަލް ނާޒްލީން ވާފިރް (ނާޒް) ވިދާޅުވެއްޖެ އެވެ.


އަންހެން ކުދިންނަށް ކިޔަވައިދޭން ފެށި އެންމެ ފުރަތަމަ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން ނާޒް "މިހާރު" އަށް ވިދާޅުވީ ތައުލީމާއި ކުޅިވަރުގައި ފާހަގަކޮށްލެވޭ އެތައް ތަރިންތަކެއް އަމީނިއްޔާގެ ހިޔާވަހިކަމުން އިލްމު ހޯދާފައިވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ފަހުރެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އަންހެން ކުދިންނަށް ވުމުން ވަކި ކަންކަމެއް ނުކުރެވި ދިޔަ ކަމަށެވެ. އެކަމަކު މަންޒަރު ބަދަލުވެ، ތައުލީމް ފޯރުކޮށްދިނުމުގައި އެ އަލި ގަދަ ދަންމަރުން އެތައް ހާސް ދަރިވަރުންނެއް ތައުލީމް ހާސިލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އަހަރުތަކެއް ކުރިން ބޭއްވި ހަރަކާތެއްގައި އަމީނިއްޔާގެ ދަރިވަރުންތަކެއް ބައިވެރިވަނީ

އަމީނިއްޔާ އުފެއްދިއިރު، ސަރުކާރުގެ ސްކޫލަކަށް ވަންނަން ފުރުސަތު ލިބުނީ ވަރަށް މަދު ދަރިވަރުންނަށެވެ. ނަމަވެސް ތައުލީމީ ނިޒާމް މިހާރު މުޅިން ބަދަލުވެ، އެންމެން ޝާމިލްކޮށްގެން ކިޔަވައިދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނިއްޔާގެ ފުރަތަމަ 66 އަހަރު ކިޔަވައިދިނީ ހަމައެކަނި އަންހެން ކުދިންނަށެވެ. ދެ ޖިންސުގެ ދަރިވަރުން ކިޔަވައިދޭ ސްކޫލަކަށް އަމީނިއްޔާ ބަދަލުކުރީ، އެމްޑީޕީގެ ވެރިކަމުގައި، 2010 ވަނަ އަހަރެވެ.

"ސްކޫލަށް 75 އަހަރު ވެގެން ދާއިރު ބޮޑު މައިލްސްޓޯނެއް ހާސިލްކުރެވިފައިވަނީ،" ނާޒް ވިދާޅުވި އެވެ.

އަމީނިއްޔާ ސުކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އެ ސުކޫލުގެ އަލިމަސް ޔޫބީލް ޕެރޭޑްގެ ތެރެއިން: މި ޕެރޭޑްގައި އެ ސުކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި އިސް ދަރިވަރުން ބައިވެރިވި.-- ފޮޓޯ: ހުސައިން ވަހީދު /މިހާރު

ސްކޫލުގެ އަލިމަސް ޔޫބީލް އަހަރު ފާހަގަކުރަން މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. އެގޮތުން މިދިޔަ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުޅިވަރާއި އިލްމީ އެކި ހަރަކާތްތައް ހިންގި އެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ހާއްސަ ވީ، މިހާރުގެ ދަރިވަރުންނާއި ކުރީގެ ދަަރިވަރުން އެކުވެގެން ހުޅުމާލޭގައި ބޭއްވި ބޮޑު ޕެރޭޑެވެ.

އެ ޕެރޭޑާ ގުުޅޭ ގޮތުން ނާޒް ވިދާޅުވީ އެއީ ބަޔާންކުރަން ވެސް ނޭނގޭ ފަދަ އުފާާވެރި އިހްސާސެއް ގެނެސްދިން ހަރަކާތެއް ކަމަށެވެ.

"ވަރަށް އުފާވެރި އަދި މާޒީގެ ހަނދާންތައް އާވެގެން ދިޔަ ޕެރޭޑެއް އެއީ. އެތައް މަސްތަކެއް ވަންދެން ފަރިތަކޮށްގެން ބޭއްވި ކާމިޔާބު ހަރަކާތެއް،" ނާޒް ވިދާޅުވި އެވެ.

އަމީނިއްޔާގެ އަލިމަސް ޔޫބީލް ރަސްމީ ޖަލްސާ އޮންނާނީ އަންނަ އަހަރު ސްކޫލްތަކުގެ ކިޔެވުން ފެށުމުންނެވެ.