ހަތަރު ބިލެއް އެކުލަވާލައި، މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ހަތަރު ބިލެއް އެކުލަވާލައި، ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވައިފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުވީ ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލުގެ އިތުރުން ނަފްސާނީ ސިއްހަތުގެ ބިލް އަދި އެއް މެދު އިމާރާތުގެ ބިލެވެ.

ތައުލީމުގެ ބިލަކީ އުނގެނުމުގެ ހައްގު ފުރިހަމައަށް ލިބިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑު ގާއިމް ކުރުމާއި ދަރިވަރުންގެ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާ އެކު ތައުލީމު ދިނުމާ ބެހޭ ހަމަތައް ކަނޑައަޅާ ބިލެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މަތީ ތައުލީމުގެ ބިލަކީ މަތީ ތައުލީމު ތަރައްގީކޮށް، ކުރިއެރުވުމާއި މަތީ ތައުުލީމު ދޭ ތަންތަން ރަޖިސްޓްރީ ކުރުމާއި އެފަދަ ތަންތަން ހިންގާނެ ގޮތުގެ އުސޫލު ކަނޑައެޅުމާއި އެފަދަ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރާއެއް ގާއިމް ކުރުމާ އެކު އެކަމަށް ހަރުދަނާ ނިޒާމެއް ގާއިމްކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ބިލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ނަފްސާނީ ސިއްހަތުގެ ބިލަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ދައުލަތުގެ ޚަރަދުގައި ފަރުވާ ދިނުމުގެ ނިޒާމެއް ގާއިމް ކުރުމާއި އެފަދަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމާއި ނަފްސާނީ ބަލިތަކުގެ ފަރުވާ ދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

މީގެ އިތުރުން އެއް މެދު އިމާރާތުގެ ބިލަކީ އިމާރާތްތައް އެއް މެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ދިނުމާ ބެހޭ އުސޫލުތަކާއި އެއް މެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓްތައް ވަކިވަކި ފަރުދުންނަށް މިލްކުކޮށް ދިނުމާއި ގަނެވިއްކުމާއި ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެއް މެދު އިމާރާތްތަކުގެ އާންމު ސަރަހައްދު ބަލަހައްޓައި، ބޭނުން ކުރުމުގެ އުސޫލުތައް ވެސް އެ ބިލުގައި ހިމެނޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އަލަށް ތައާރަފްކުރާ ގާނޫނުތަކުގެ ބިލްތަކާއި އިސްލާހުކުރާ ގާނޫނުތަކުގެ ބިލްތައް ވެސް ހިމެނެ އެވެ.