ދައުވާކުރަނީ ސިޔާސީ މުސްތަގުބަލު ދުއްވާލަން: ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި ދައުވާކުރަނީ އޭނާގެ ސިޔާސީ މުސްތަގުބަލު ދުއްވާލަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ޝަހީމްގެ މައްސަލަ މިއަދު ވަނީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ޝަހީމްގެ މައްޗަށް ތުހުމަތު ކުރަނީ އަފްރާޝީމްގެ މައްސަލައިގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީ ކަމަށް ބުނެ އެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްރާޝީމްގެ މަރާ އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.

"ދައުވާކުރަނީ އަޅުގަނޑުގެ މަސައްކަތަށް ހުރަސް އަޅައި ސިޔާސީ މުސްތަގުބަލު ދުއްވާލުމަށް. މާތް ﷲއާ ވަކީލް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ކުރެއްވި ޓްވީޓް---

ޝަހީމް ވިދާޅުވީ އޭނާއާ ގުޅުމެއް ނެތް ކަމެއްގައި ދައުވާކުރާތީ އަޖައިބުވާ ކަމަށެވެ. ސިޔާސީ ދައުވާތަކަށް ޖާގަ ނުދެއްވުމަށް ޕީޖީ އޮފީހަށް ވެސް ޝަހީމް ވަނީ ގޮވާލައްވައިފަ އެވެ.

އަފްރާޝީމްގެ ރިޕޯޓު އާއްމުވުމާ އެކު، މަރާ ގުޅިގެން އަލަށް އެންމެ ބޮޑު ތުހުމަތެއް އެޅުނީ ޝަހީމްގެ އިސްތަށިފުޅުގަ އެވެ. ސަބަބަކީ އަފްރާޝީމް، އަވަހާރަކޮށްލި ރޭ ޓީވީ ޕްރޮގްރާމަށް އަރާވަޑައިގަތުމާ ގުޅޭ ގޮތުން ޝަހީމް ދެއްވި ބަޔާނާއި ހެކީގެ ގޮތުގައި ހޯދި ފޯން މެސެޖްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.

ދައުވާ ކުރަނީ އަޅުގަނޑުގެ މަސައްކަތަށް ހުރަސް އަޅައި ސިޔާސީ މުސްތަގުބަލު ދުއްވާމުލަށް. މާތް ﷲ އާ ވަކީލް،-- ޝަހީމް

އެކަމަކު މި ތުހުމަތު ދޮގުކުރައްވައި ޝަހީމް ވިދާޅުވެފައި ވަނީ ކޮމިޝަނަށް އޭނާ ދެއްވީ ތެދު މައުލޫމާތު ކަމަށެވެ. އަފްރާޝީމަށް، އިލްމުވެރިންނާ އެއް މޭޒަކުން ބައްދަލުވެވޭ ގޮތާއި ޓީވީ ޕްރޮގްރާމުން ފުރުސަތު ހޯއްދެއްވީ އަފްރާޝީމް އެދިވަޑައިގަތުމުން ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

އަފްރާޝީމް އަވަހަރާކޮށްލި އިރު ޝަހީމަކީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. މަރު ކޮމިޝަންގެ ތަހުގީގަށް އޭނާއާ ސުވާލުކުރީ، ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ.