ޓެރަސްމަތީގައި މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝްގެ މީހެއް: ޕޮލިސް

މާލޭގެ އިމާރާތެއްގެ ޓެރަސްމަތީގައި މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝްގެ މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މއ. ޓޮމާޓޯގޭގެ ޓެރަސްމަތީގައި މަރުވެފައި އޮތް ފިރިހެނަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 11:30 ހާއިރެވެ. އެތަނަށް ފުލުހުން ދިޔައިރު އޭނާގެ އަނގައިން ހުރީ ފޮނު އަރައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝް މީހެއްކަން ކަށަވަރުވިޔަސް އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. އެހެންވެ، އެ މީހާގެ މައުލޫމާތު ހޯދުމުގެ ކަންކަން ބަންގްލަދޭޝްގެ ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މީހާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ.

ތިން ބުރިއަށް ހަދާފައި ހުންނަ ޓޮމާޓޯގޭގެ ފުރަތަމަ ފަންގިފިލާ ހިންގަނީ ކެފޭ އެކެވެ. ދެ ވަނަ ފަންގިފިލާ ކުއްޔަށް ދޫކޮށްފައި ހުންނައިރު އެ ގޭގެ އާއިލާގެ މީހުން ދިރިއުޅެނީ ތިން ވަނަ ފަންގިފިލާގަ އެވެ.