މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެމްބަރު އާދަމް މުހައްމަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވި ގޮތުގައި އާދަމް އިސްތިއުފާ ހުށަހެޅުއްވީ މި މަހުގެ 8، ގަ އެވެ.
ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ކޮމިޝަނުން އޭނާ އިސްތިއުފާ ދެއްވުމުން މިހާރު ތިއްބަވަނީ ތިން މެމްބަރުންނެވެ.
އެއީ، މިސްބާހް އައްބާސް އާއި ފަރީޝާ އަބްދުﷲގެ އިތުރުން އަހްމަދު ނާޝިދެވެ.
އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގަތުމަށް އިސްތިއުފާ ދެއްވުމުން އެ މަގާމު މިހާރު އޮތީ ހުސްކޮށެވެ. އެކަމަކު ކޮމިޝަނަށް ރައީސަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް އެބަދާ ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު، ވަނީ ވިދާޅުވެފަ އެވެ.
އެ ކޮމިޝަން އުފެއްދީ، އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަލުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށްދޭށެވެ. އެންމެ އިސްކަމެއް ދީގެން ބެލީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އެވެ. މި ތިން މަރުގެ މޭސްތިރިންގެ ގޮތުގައި ތުހުމަތު ކުރެވޭ ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި އިސްކޮށް އުޅޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
އެކަމަކު މި މަރުތަކުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި އެހީތެރިވެދިން ކަަމަށް ތުހުމަތުކުރެވޭ މީހުންނާ މެދު ކޮމިޝަނުން އަދި ފިޔަވަޅެއް ނާޅާ އެވެ. ބައެއް ރިޕޯޓްތަކުގައި އެ މީހުންގެ ނަންތައް ވަނީ އާއްމުކޮށްފަ އެވެ.
ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ކަނޑައަޅާފައި ވަނީ ދެ އަހަރުގެ މުއްދަތެކެވެ. އެ ކޮމިޝަން އުފެއްދިތާ ކުރީކޮޅު އާއްމުކުރި ގޮތުގައި، ތަހުގީގުކުރަން ޖެހޭ މައްސަލަތަކުގެ އަދަދު އޭރު އުޅެނީ 29 ގަ އެވެ.