ކާނިވާ ސަރަހައްދުގައި އާ ބަސް ސްޓޮޕްތަކެއް ހަދައި އަންނަ މަހު ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

ބަސް ދަތުރު ފެށުމަށްޓަކައި ކާނިވާ ސަރަހައްދު އަންނަނީ އެކަމަށް ތައްޔާރުކުރަމުންނެވެ. ބަސް އަނބުރާނެ ޖާގަ ހެދުމަށް، ކުރިން ލައިސަންސް ނަގަން ވެހިކަލް ދުއްވި ބިން ވަނީ ހުސްކޮށްފަ އެވެ. އަދި އެ ސަރަހައްދަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ.

ކާނިވާ ސަރަހައްދު ހުސްކޮށްފައި: އަންނަ މަހު ބަސް ދަތުރުތައް ފަށަން ވަނީ ނިންމާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
ކާނިވާ ސަރަހައްދު ހުސްކޮށްފައި: އަންނަ މަހު ބަސް ދަތުރުތައް ފަށަން ވަނީ ނިންމާފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާނިވާ ސަރަހައްދު ތަރައްގީކޮށް ނިމޭހާ އަވަހަކަށް އެ ސަރަހައްދުން ބަސް ދަތުރުތައް ފަށާނެ ކަމަށެވެ. މިހާރު ލަފާކުރެވޭ ގޮތުގައި އަންނަ މަހު ދަތުރުތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ބަސް ސްޓޮޕްތަކެއް ވެސް އަންނާނެ. ފަހަރެއްގައި ސެނަހިޔާ ކައިރި ނޫނީ ބޮޑުތަކުރުފާނު މަގުގެ އެހެން ހިސާބުތަކުގައި. އަދި ބަސް ސްޓޮޕްތައް ހުންނާނެ ތަންތަން ފައިނަލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދަށް ބަސް ދަތުރުތައް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ ރޯދަ މަހުގެ ކުރިންނެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެކަން އޮތީ ނުވެ އެވެ.

އެމްޕީއެލްގެ ބަސް ދަތުރުތައް މިހާރު ހަމަޖައްސާފައި ވަނީ ހުޅުމާލެއިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.