ތެހެރާން (ޖެނުއަރީ 19) - މިސައިލް ހަމަލާއެއްގައި ވައްޓާލި މަތިންދާ ބޯޓުގެ ކަޅުފޮށި ޔުކްރޭނަށް ހަވާލު ކުރުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ތަސްނީމް ނިއުސް އެޖެންސީން ބުނެފި އެވެ.
ތެހެރާން އެއާޕޯޓުން މި މަހު 8 ވަނަ ދުވަހު ފުރި ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓަށް އީރާނުން ފޮނުވާލި ދެ މިސައިލް އަރައި އެ ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ.
އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ޑިރެކްޓަ އިންވެސްޓިގޭޝަންސް ހަސަން ރިޒައިފަރު ވިދާޅުވީ ޔުކްރޭނަށް ފޮނުވާ ފްލައިޓް ޑޭޓާ ރެކޯޑަރުގައި ހުރި މައުލޫމާތުތައް ހޯދުމުގައި ފްރާންސް، ކެނެޑާ އަދި އެމެރިކާގެ ތަޖްރިބާކާރުން އެހީވާނެ ކަމަށެވެ.
"ޔޫކްރޭނުގައި އެ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ ކަޅު ފޮށި ދެން ފޮނުވާނީ ފްރާންސަށް،" އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނުގެ ޚާރިޖީ ވަޒީރު ވަޑީމް ޕްރިސްޓައިކޯ ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާ ތަހުގީގު ކުރުމުގައި ޔޫކްރޭނުން ދަނީ އީރާނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން ކަމަށެވެ. އަދި އީރާނުގެ އޮފިޝަލުން މި ހަފުތާގައި ޔޫކްރޭނަށް ޒިޔާރަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭން އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވައްޓާލާފައި ވަނީ ތެހެރާން އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބޯޓަށް ވަނީ ދެ މިސައިލް އަރައިފަ އެވެ. އީރާނުން ބުނެފައި ވަނީ މިސައިލް އަރާ މަންޒަރު ވީޑިއޯ ކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.