ފިލި ގައިދީ އަތުލައިގަނެވުނީ ހުޅުމާލެ އިން!

މާލޭ ޖަލުން ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިއުމުން މިއަދު ފިލި ގައިދީ ހުޅުމާލެ އިން އަތުލައިގެންފި އެވެ.


މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގދ. ރަތަފަންދޫ، އައިސަރު ނަސީމް، 24، ފިލީ ޓެސްޓުތަކެއް ހަދަން އައިޖީއެމްއެޗުގެ ޓީބީ ކްލިނިކް ތެރޭގައި ހުރެފަ އެވެ. މާސްކް ވެސް އަޅާފައި ހުއްޓައި އޭނާ ފިލީ، އެނގިފައިވާ ގޮތުގައި، ހޮސްޕިޓަލުން ބޭރަށް ނުކުތުމަށް ފަހު ކާރަކަށް އަރައިގެންނެވެ.

ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހައްޔަރުކޮށް، މިހާރު ހުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި ގައިދީ ފިލީ، ފަރުވާގެ ބޭނުމަށް ބިޑި ނައްޓާލައި، ސާމްޕަލް ނަގާ ކޮޓަރި އަށް ވެއްދި ވަގުތު ކުޑަދޮރަކުންނެވެ. ގައިދީން ޑޮކްޓަރަށް ދައްކަން ގެންދަނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކުގަ އެވެ.

އޮފިސަރުންނަށް ހަަމަލާ ދިނުމަށް ފަހު ވެސް ބައެއް ފަހަރު ގައިދީން ފިލާފައިވެ އެވެ.