ދަނޑުވެރިންގެ ދުވަސް، އޮކްޓޯބަރު 15 ވަނަ ދުވަހު ފާހަގަކުރަނީ

ދަނޑުވެރިންގެ ދުވަސް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހު ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.


އެމަނިކުފާނު އެގޮތަށް ނިންމެވީ، ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި، ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ހުށަހެޅި ކަރުދާހާ މެދު މަޝްވަރަކުރުމަށް ފަހުގަ އެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓް 10 ވަނަ ދުވަހު، ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން 2009 ވަނަ އަހަރު ހަމަޖެއްސި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކި ސަބަބުތަކާ ހުރެ ދަނޑުވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ އަހަރުގެ ކޮންމެ ވެސް އެހެން ދުވަހެއްގަ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމަށްވާ އޮކްޓޯބަރު 16 ވަނަ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ އެއް ބޭނުމަކީ، ރައީސް އޮފީހުން ބުނިގޮތުގައި، ދަނޑުވެރިންނާއި އެމީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގަން މަގުފަހިކޮށްދިނުމެވެ.

ދަނޑުވެރިންނަށް ހާއްސަ ދުވަހެއް ފާހަގަކުރަން ނިންމި މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރަން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތް، ރާއްޖޭގެ އިގުތިސޯދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުން ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ އެކި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެ ފަރާތްތަކަށް ދިމާވާ ހުރަސްތަކާއި ދަތި ކަންކަން ފާހަގަކޮށް އެކަންކަން ހައްލުކުރަން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން އެކަމަށް އެންމެ އެކަށޭނެ އާ ފަންނުތައް ދަނޑުވެރިންނަށް ތައާރަފުކުރުން ވެސް ހިމެނެ އެވެ.

ވަޒީރުން ވަނީ، ކޮންމެ އަހަރަކު ވެސް ވަކި ދުވަހެއްގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާނަމަ ދިވެހި ދަނޑުވެރިކަމުގެ ތަރައްގީގެ ސިޔާސަތުތަކާއި މަޝްރޫއުތައް، އެހެނިހެން ސިނާއަތާއި އެއް މިސްރާބެއްގައި ތަރައްގީކުރަން ފުރުސަތު ފަހިވެގެންދާނެކަން ފާހަގަކުރައްވައިފަ އެވެ.