މެޑްރިޑް (ފެބްރުއަރީ 15) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައިވާތީ ޔުއެފާ އިން މެންޗެސްޓާ ސިޓީ އަށް އަދަބުދިން ގޮތަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ މެދު ވެސް އަމަލުކުރަންޖެހޭ ކަމަށް ސްޕެނިޝް ލަލީގާ ހިންގާ އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
އެފްއެފްޕީގެ އުސޫލުތަކާ ހިލާފުވެ ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ ސިޓީ އަށް ދީފައިވާ އަދަބަކީ ދެ އަހަރު ދުވަހަށް ޔޫރަޕްގެ ކްލަބް މުބާރާތްތަކުން ސަސްޕެންޑްކުރުމުގެ އިތުރުން 30 މިލިއަން ޔޫރޯގެ ޖޫރިމަނާ އެކެވެ.
ސިޓީން މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އެޕީލްކުރަން ނިންމާފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން ޓެބާސް ވަނީ ޔުއެފާގެ މި ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ.
"މިއީ ފުޓްބޯޅަ ރަނގަޅު ގޮތުގައި ކުރިއަށް ގެންދަން ލިބުނު ފަސޭހައެއް. ފެއާޕްލޭ އުސޫލުން ފުޓްބޯޅަ ހިނގާނީ މީގައި ގޯސް ހަދާ ބަޔަކާ ދެމެދު ފިޔަވަޅު އަޅައިގެން. އަހަރެން އުފާކުރަން ޔުއެފާ އިން މި ފަދަ ނިންމުމެއް ނިންމީމަ. ހަގީގަތުގައި މިއީ ޕީއެސްޖީ އަށް ވެސް އަންނަންޖެހޭ އަދަބެއް،" ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓެބާސް ވިދާޅުވި އެވެ.
މިއީ ސިޓީ އަށް އެފްއެފްޕީއާ ހިލާފުވެގެން އަދަބުދިން ދެ ވަނަ ފަހަރެވެ. މި ފަހަރު އެ ޓީމަށް މި ވަރުގެ އަދަބެއް ދިނީ އެފްއެފްޕީ ގަވާއިދުތަކާ ހިލާފަށް ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ފައިސާ އެތެރެ ކުރުމުގައި މަކަރު ހަދާފައިވާތީ އެވެ.
ޓެބާސް މީގެ ކުރިން ވެސް ވަނީ ޕީއެސްޖީ އާއި ސިޓީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ފުޓްބޯޅައިގައި ރަނގަޅު ވިސްނުމުގައި ކުރިއަށްދާ ޓީމުތަކަށް އޮތް އެންމެ ބޮޑު ބިރަކީ ޕީއެސްޖީ އާއި ސިޓީ ފަދަ އުސޫލުން ބޭރު ކަންތައްތައް ކުރާ ކްލަބްތަކުގެ ނުރަނގަޅު ނުފޫޒު ކަމުގައި ޓެބާސް ސިފަކުރެއްވި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެފްއެފްޕީ ގަވާއިދާ ސިޓީ ހިލާފުވުމުން ޔުއެފާ އިން އެޅި ފިޔަވަޅު އިނގިރޭސި އެފްއޭ އިން އަންނަނީ ބަލަމުންނެވެ. އަދި މީގެ ސިޓީން ކަންތައްތައް ކޮށްފައިވާ މިންވަރަށް ބަލައި އޮންނަ ގަވާއިދުގެ ތެރެއިން ޕްރިމިއާ ލީގުން ވެސް ސިޓީއާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އެންމެ ފުރުސަތު ބޮޑީ ސިޓީގެ ޕޮއިންޓު އުނިކުރުން ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.