އައްޑު އަށް ދެ މެގަވޮޓްގެ އިތުރު ދެ ޖެނެރޭޓަރު ފޮނުވައިފި

އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އައްޑު އަށް ދެ މެގަވޮޓްގެ އިތުރު ދެ ޖެނެރޭޓަރު ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.


އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނި އެ އެއްޗެހި މިހާރު ވީ އައްޑު އަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ. ފެނަކަ އިން ބުނިގޮތުގައި އާ ޖަނަރޭޓްތައް އައްޑު އަށް ގެންދެވުމާ އެކު އެ އެއްޗެހި އިންސްޓޯލްކޮށް، ބޭނުންކުރަން ފަށާނެ އެވެ.

އައްޑޫގެ ގުޅިފައިވާ އަވަތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ ގޭގެ ކެޕޭސިޓީ ދަށްވުމާއި އިންޖީނުތަކަށް އެކި ކަހަލަ މައްސަލަތައް ދިމާވެގެން ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑި ރައްޔިތުންނަށް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހެ އެވެ. އަދި މި މައްސަލަ ހައްލުކުރަން އެކި ފަހަރުމަތިން ޖަނަރޭޓްތައް ގެނެސް ބޭނުންކުރަން ފެށި ނަމަވެސް ދާއިމީ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އެހެންވެ މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އިތުރު ޖަނަރޭޓަރުތައް ހޯދަން ނިންމާފައިވާކަން ފެނަކައިން ބުނެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކްއާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއާ އެކު، ކުރިއަށް އޮތް 15 އަހަރަށް އައްޑު އަށް ބޭނުންވާ ކަރަންޓު އުފެއްދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އައްޑު އަށް މި ވަގުތު ބޭނުން ވަނީ އަށް މެގަވޮޓުގެ ކަރަންޓް ނަމަވެސް މިހާރުގެ ކެޕޭސިޓީ އަކީ ގާތްގަނޑަކަށް ހަތް ވަރަކަށް މެގަވޮޓެވެ.

ފެނަކައިގެ ބެލުމުގެ ދަށުން ޑޮންގްފަންގުން ކަރަންޓްގެ މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ނިމުމުން އައްޑޫގެ ކަރަންޓްގެ ކެޕޭސިޓީ 36 މެގަވޮޓަށް އިތުރުވާނެ އެވެ.