މިއީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ޖަޕާނުގެ ނިގާޓާގެ ނާސިން ހޯމެއްގައި ދިރިއުޅުން އަންނަ ޗިޓެޓްސޫ ވަޓަނަބޭ އެވެ. އުމުރުން މިހާރު 112 އަހަރެވެ. މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑް ވެސް ރަސްމީކޮށް އޭނާ އަށް ވަނީ ލިބިފަ އެވެ.
މިއާ އެކު އޭނާ ބުނަން އޮތް ވާހަކަ އަކީ މިއެވެ؛ ދިގު އުމުރަކަށް އެދޭ ނަމަ އުފާވެރިކަން އިސްކުރާށެވެ. އަބަދު ވެސް ހިނިތުންވެފައި ހުންނާށެވެ. ރުޅި ނާންނާށެވެ. ވަޓަނަބޭގެ ދިގު އުމުރުގެ ސިއްރަކީ މި އެވެ. އެ ނޫން ވަކި އެހެން ހާއްސަކަމެއް ނެތް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ވަޓަނަބޭ އުފަންވީ މާޗް 5، 1907 ގަ އެވެ. އަދި އޭނާ އަކީ މައިންބަފައިންނަށް ލިބުނު އަށް ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދަނޑުވެރިކަމުގެ ދާއިރާ އިން ގްރެޖްއޭޓްވުމަށް ފަހު، ވަޓަނަބޭ ފަހުން ދިރިއުޅން ބަދަލުކުރީ ޓައިވާނަށެވެ. އެގޮތުން އެ ގައުމުގައި ޝުގަ ޕްލާންޓޭޝަނެއްގައި ކޮންޓްރެކްޓެއްގެ ދަށުން މަސައްކަޔްކުރި އެވެ.
ވަޓަނަބޭ ޓައިވާނުގައި ހޭދަކުރި 18 އަހަރުގެ ތެރޭގައި ލިބުނު ފަސް ދަރިންގެ ތެރެއިން ހަތަރު ދަރިން ވެސް އުފަންވީ ވެސް އެތަނުގަ އެވެ.
ޓައިވާނުގައި މަސައްކަތްކުރުމަށް ފަހު 1944 ގައި އޭނާ ޕެސިފިލް ހަނގުރާމައިގެ ދުވަސްވަރި އަސްކަރިއްޔާގައި ވެސް މަަސައްކަތްކުރި އެވެ. ފަހުން ރިޓަޔާކުރުމަށް ފަހު 1974 ގައި ވަޓަނަވޭ ކުރަން ފެށި މަސައްކަތަކީ އަމިއްލަ އަށް ދަނޑުވެރިކލަން ކުރުމެވެ. އުމުރުން 104 އަހަރު ވަންދެން އޭނާ އެ މަސައްކަތުގައި އުޅުނެވެ.
މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ ޖަޕާނުގެ 117 އަހަރުގެ އަންހެނެކެވެ. އެއީ ކޭން ޓަނާކާ އެވެ.