ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނީ ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު އަބްދުލްކަރީމް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ މިހާތަނަށް ހުންނެވީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.

އޮފީސް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ކިޔަވާ ވިދާޅުވަމުން އަންނަ އަބޫބަކުރު މީގެ ކުރިން އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފައި ވެ އެވެ. އަބޫބަކުރާއެކު ހެލްތު މިނިސްޓްރީގައި މިވަގުތު ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ތިން ބޭފުޅުން އެބަތިއްބެވެ.

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.