ބިގަށް ފައިސާ ދައްކަން ޖެހުނު މައްސަލައިގައި ދައުލަތުގެ މީޑިއާ އިން ސުޕްރީމް ކޯޓަށް

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް ހައި ކޯޓުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމަށް އެ ކޯޓުން ނިިންމައިފި އެވެ.


ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އޭރު ދައުލަތުގެ މީޑިއާ ހިންގި އެމްއެންބީސީއާ އެކު ބިގް ކުންފުނިން ހެދި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ ފަސް މިލިއަން ރުފިޔާ ނުދެއްކުމުން، ޖޫރިމަނާއާ އެކު 78 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކުރި އެ ހުކުމް، ދައުލަތުގެ މީޑިއާ ހިންގަން ފަހުން އުފެއްދި ޕަބްލިކް ސާވިސް (މީޑިއާ (ޕީއެސްއެމް) ގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ.

އިސްތިއުނާފްގެ މުއްދަތު ހަމަވެފައި އޮތުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ޕީއެސްއެމްގެ ފަރާތުން މިދިޔަ އަހަރު ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެކަމަކު، ހައި ކޯޓުގެ އެ ނިންމުން ޕީއެސްއެމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ މަހުގެ ފަހުކޮޅު އެ ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ދީފައިވާ ކަމަށް އެނގިފައިވެ އެވެ.

ބިގަށް ފައިސާ ދޭން ކުރި ހުކުމުގެ މައްސަލަ ފަރާތުން އިސްތިއުނާފް ކުރަން ހުށަހެޅިއިރު، ޕީއެސްއެމުން މިދިޔަ އަހަރު ވަނީ އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގަށް ދައްކައިފަ އެވެ. އޭރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވެސް ބެލި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީ އަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ.

އެކަމަކު، އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއް ނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.