އިސްލާމިކް ޔުނިވާސިޓީގެ ވާހަކަ ދެއްކީމާ ގޮވީ ބޯ ބުރިކުރަން: އިމްތިޔާޒް

އިސްލާމިކް ޔުނިވާސިޓީގެ ބަދަލުގައި ގައުމީ ޔުނިވާސިޓީގައި އިސްލާމިކް ފެކަލްޓީއެއް ގާއިމްކުރުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގައި ހިޔާލު ފާޅުކުރެއްވުމުން ބައެއް މީހުން ގޮވާލީ ބޯ ބުރިކުރަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުުﷲ ޝަފީގް ހުށަހެޅުއްވި، ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލުގެ ބަހުސްގައި އިންތި ވިދާޅުވީ އޭނާ ހިޔާލުފާޅުކުރެއްވީ ސަރުކާރުން ހިންގާ ދެ ޔުނިވާސިޓީ ހުރުމުން ފެންވަރަށް ބަދަލެއް އަތުވެދާނެތީ ކަމަށެވެ. އެކަމަކު ދައުލަތުގައި އެވަރަށް ފައިސާ ހުރި ނަމަ ދެ ޔުނިވާސިޓީ ވެސް ހިންގިދާނެ ކަަމަށާއި އެކަމާ ދެކޮޅު ވެސް ނުހައްދަވާ ކަމަށް ވިދާޅުވި އެވެ. އަދި އިސްލާމިކް ޔުނިވާސިޓީ ގާއިމުކޮށްފައި ހުރުމަށް މަރުހަބާ ކިޔާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ހިޔާލު، މިތަނުގައި، މި ތަޅުމުގައި ފާހަގަކޮށްލުމާ އެކުގައި ހަމަ ކަރު ބުރިކުރަން އަމުރުކުރީ،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހިޔާލުފާޅުކުރެއްވުމުން ބައެއް ފަރާތްތަކުން އެކަން މާނަކުރީ ރާއްޖޭގައި އިސްލާމްދީން އޮތުމާ ދެކޮޅުހެދުމުގެ ގޮތުގައި ކަަމަށާއި އެކަމަކު އެ ވާހަކަ ދެއްކެވީ ދެ ޔުނިވާސިޓީ ހުރުމުގެ ބަދަލުގައި ފެކަަލްޓީއެއް ހުރުމުން އިސްލާމީ ތައުލީމު، ދިނުމުގެ ފެންވަރު މަތިކުރެވިދާނެ ކަމަށް ދެކެވަޑައިގެން ކަމަށެވެ. އެގޮތުން ފާޅުކުރެއްވީ ހަމައެކަނި ހިޔާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޒަމާނުގައި ހަމަ ބޮޑެތި ސިންގާ މީހުންގެ ވެސް ވިސްނުން އެބަ ހުއްޓޭ މިފެންވަރުގައި،" އިންތިއާ ދެކޮޅަށް އޭރު ދެއްކި ވާހަކަތަކަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީީ ނައްތާލާ ވާހަކަ މީހަކު ނުވެސް ދައްކާ ކަމަށާއި އިސްލާމިކް ޔުނިވާސިޓީ އުފެއްދީ ވެސް ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

"އިސްލާމިކް ޔުނިވާސިޓީ އަށް ބަދަލެއް އައިމާ، އިސްލާމްދީން މިގައުމުން ފުހެވޭނެ ގޮތެއް އެބަ އޮތްތޯ؟ ހަމަ ޖެހޭ އިންސާނަކު ދައްކާނެ ޒާތުގެ ވާހަކަ [ތޯމިއީ؟] އެކަމަކު ބޯ ބުރިކުރަން އަމުރު އެބަ ކުރޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި މިއަދު ބަހުސްކުރަމުން އަންނަ ބިލާއި އެފަދަ އެހެން ބިލުތަކުން ވެސް ކުރަން އުޅޭ ކަމަކީ ރާއްޖޭގައިދޭ މަތީ ތައުލީމުގެ ފެންވަރު މަތިކުރުން ކަމަށެެވެ.