މަނާ އެއްޗެއް އަތުލަން އުޅުމުން ޖަލުގައި ހަމަނުޖެހުން ހިނގައި ތިން އޮފިސަރަކަށް އަނިޔާވެއްޖެ

ޖަލުގައި ގެންގުޅުން މަނާ އެއްޗެއް ގެންގުޅޭތީ ގައިދީންގެ އަތުން އެ އަތުލަން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިނގައި ތިން އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަނަލް ސާވިސަސް އިން ބުނެފި އެވެ.


ކަރެކްޝަންސް އިން ބުނީ ހަމަނުޖެހުން ހިނގާފައި ވަނީ ހިންމަފުށީ އައްސޭރި ޖަލުގައި ކަމަށެވެ. ހަމަނުޖެހުމުގައި ތިން އޮފިސަރަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ބުންޏަސް އޭގެ ތަފްސީލެއް ކަރެކްޝަންސަކުން ހާމަކޮށްފައެއް ނުވެ އެވެ. އަނިޔާވި އޮފިސަރަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

"ލަސްތަކެއްނުވެ މިހާދިސާވަނީ ކޮންޓްރޯލްކޮށް އާންމުހާލަތަކަށް ގެނެސްފައި. މި ހާދިސާގައި ގައިދީއަކަށް އަނިޔާވެފައި ނުވޭ. މިކަމާ ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރެވެމުން އެބަދޭ،" ހަމަނުޖެހުން ހިނގިކަން ހާމަކޮށް ކަރެކްޝަންސް އިން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖަލުގައި ސިލްސިލާކޮށް ހަމަނުޖެހުން ހިންގާފައިވެ އެވެ. ގައިދީންގެ ހައްގުތައް ނުލިބޭ ކަމަށް ބުނެ ހަމަނުޖެހުން ހިންގި ނަމަވެސް ކަރެކްޝަންސް އިން އޭރު ބުނެފައި ވަނީ ހަމަނުޖެހުން ހިންގަނީ ޖަލަށް ވެއްދުން މަނާ ތަކެތި އަތުލައި، އެފަދަ ތަކެތި ވެއްދުން ހުއްޓުވަން އެޅި ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ.