ތިލަފުށި-މާލެ ބްރިޖްގެ އަގުބޮޑުކަމުން ކަންބޮޑުވޭ: ސައީދު

ތިލަފުށި، ގުޅިފަޅު އަދި މާލެ ގުޅައިލުމަށް މި ސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖުގެ މަސައްކަތުގެ އަގުބޮޑުކަމުން ހައިރާންވާ ކަމަށް ބުނެ، އެ މަޝްރޫއަށް އިދިކޮޅުން ރޭ ފާޑުކިޔައިފި އެވެ.


އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނާ ގުޅުވައިގެން، ޅ. ނައިފަރުގައި ޕީޕީއެމް-ޕީއެންސީން ބޭއްވި ޖަލްސާގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ތިލަފުށި-މާލެ ބްރިޖްގެ ސާވޭ އަށް މި ސަރުކާރުން 231 މިިލިޔަން ރުފިޔާ ޚަރަދު ކުރާއިރު، ސިނަމާލެ ބްރިޖް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސާވޭ ކުރީ ހިލޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމަށްޓަކައި ޑައުންޕޭމަންޓްގެ ގޮތުގައި ވެސް ދައްކަން ޖެހުނީ 18 ވަރަކަށް މިލިޔަން ޑޮލަރު ކަމަށާއި އެއީ ޔާމީންގެ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެމެދު ހުރި ތަފާތު ކަމަށެވެ.

"އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސިނަމާލެ ބްރިޖް، އަޅުގަނޑުމެންގެ ލީޑަރު ރައީސް ޔާމީން އެޅުއްވި އިރު، ޗައިނާ ސަރުކާރުން ހިލޭ އެ ތަނުގައި ސާވޭ ކުރީ. މިއީ ތަފާތަކީ،" ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ސައީދު ވިދާޅުވި އެވެ.

ތިލަފުށި، ގުޅިފަޅު އަދި ވިިލިނގިލި މާލެއާ ގުޅުވައިދޭ ބްރިޖް އެޅުމަށްޓަކައި ޖިއޯފިޒިކަލް ސާވޭގެ މަސައްކަތް ނެދަލޭންޑްސް ފުގްރޯ ކުންފުންޏާ ސަަރުކާރުން ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި މަހުގެ 15 ގައި މަސައްކަތް ފަށައި އަންނަ ޖުލައި މަހުގެ ހަތަކަށް ނިންމާ ގޮތަށް އެ ކުންފުންޏާ މަސައްކަތް ހަވާލުުކުރީ 15 މިލިޔަން ޑޮލަރު (231.3 މިލިޔަން ރުފިޔާ) އަށެވެ.

ސާވޭގެ އިތުރުން ބްރިޖްގެ މުޅި މަޝްރޫއަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އަދަދު ވެސް އިންތިހާ އަށް ބޮޑު ކަމަށް ސައީދު ތުހުމަތު ކުރެއްވި އެވެ. އެ މަޝްރޫއަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައި ވަނީ 488 މިލިޔަން ޑޮލަރު (7.5 ބިލިޔަން ރުފިޔާ) އެވެ.

ސައީދު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ބްރިިޖް އަޅަން އުޅޭތީ އޭނާގެ ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް މައްސަލަ އަކީ އެ މަޝްރޫއު ކުރިއަށް ގެންދަން އުޅޭ ގޮތް ކަމަށް ވިދާޅުވި އެވެ. އިންޑިއާ އަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، އެ ގައުމުން އެ މަސައްކަތް ކުރުމަކީ އަޅުވެތިކަމަށް ޖާގަ ލިބޭނެ ކަމެއް ކަމަށް ސައީދު ނުސީދާ ގޮތެއްގައި ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މިއީ ގައުމީ ބަތަލުން ތެދުވާން ޖެހޭ ވަގުތު ކަމަށާއި އަޅުވެތިކަމުގެ ތަނބެއް ވެސް ޖެހިޔަދީގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ބްރިޖް ނާޅާށެކޭ ނޫން. އަޅުގަނޑު މި ދަންނަވަނީ ބްރިޖް އަޅާށޭ، އަޅުގަނޑު މި ދަންނަވަނީ ބްރިޖް ދަމާލާށޭ. އެއްލާ ގާކޮޅެއް ގޮސް ޖެހޭ ދުރުމިނުގައި އޮތް ބްރިޖަަކަށް 500 މިލިއަން ޑޮލަރު ޚަރަދު ކުރާތީ އަޅުގަނޑު ކަންބޮޑުވޭ،" ސައީދު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން، ޗައިނާގެ އެހީގައި އެޅި ސިނަމާލެ ބްރިޖަށް ޚަރަދުކުރީ 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީ އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މި ސަރުކާރުން ބްރިޖް އަޅަނީ އިންޑިއާގެ ލޯނުގެ އެހީގައި ކަަމަށް ވާތީ، އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް އެ މަސައްކަތުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ހަމަ މި ބްރިޖްގެ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި ދާނެ. އިންޑިއާ ސަރުކާރުގެ އެހީގައި މި ބްރިޖް އެޅިގެން ދާނީ. އެހެންވީމާ އެ ބައިތައް އެބަދޭ،" ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވި އެވެ.