ކުރީގެ ނައިބު ރައީސް ޖިހާދު ވެސް ކަރަންޓީންކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ކުޑަ ބަނޑޮހުގައި އިއްޔެ ކަރަންޓީން ކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި، އެ މަނިކުފާނު 14 ދުވަހަށް ކަރަންޓީން ކުރެއްވީ ބެންކޮކުން ރާއްޖެ ވަޑައިގަތުމާ އެކުގަ އެވެ. ޖިހާދުގެ އިތުރުން ބެންކޮކުން ރާއްޖެ އައި 15 ވަރަކަށް މީހުން ކަރަންޓީން ކުރިކަމަށް ވެ އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ފެނި، އެ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ނިންމާފައި ވަނީ ޓޫރިސްޓު ވިސާގައި އަންނަ މީހުން ފިޔަވައި އެހެން އެންމެން ކަރަންޓީން ކުރާށެވެ. އެގޮތުން، މިހާތަނަށް 249 މީހުން ކަރަންޓީން ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު އަންނަނީ ނުވަ ރިސޯޓަކާއި ހުޅުލެ އައިލެންޑު ހޮޓެލް (އެޗްއައިއެޗް) ބޭނުންކުރަމުންނެވެ. އެ ތަންތަނުން 2،288 އެނދު ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވެ އެވެ. އެ އެންމެންނަކީ ވެސް ބިދޭސީން/ޓޫރިސްޓުންނެވެ.