ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ވެސް އުނދަގޫ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށާއި މި ވަގުތު ގައުމީ ވާޖިބު އަދާކޮށް ފަރުދީ ޒިންމާ އަދާކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ޝަހީދުންގެ ދުވަސް ހަނދާންކޮށްދެނީ ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކުން މިންޖުވުމަށް ސަރުކާރާ ގުޅިގެން މުޖުތަމައުގެ ހުރިހާ ފަރުދުން މަސައްކަތްކުރަން ޖެހޭކަން ކަމަށެވެ. ސަރުކާރުގެ ލަފައާ އިރުޝާދަށް ފުރިހަމައަށް އަމަލުކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވެރިކަމާއި ސުލްހަމަސަލަސް ކަމަކީ ޝަހީދުންގެ ދުވަސް ދަސްކޮށްދޭ މުހިއްމު ފިލާވަޅުތައް ކަމަށް ވިދާޅުވި އެވެ.
އާއިލާއާ ގާތްތިމާގެ މީހުން ދޫކޮށް ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ގައުމީ ހިދުމަތުގައި ތިބި ދިވެހި އެތައް ދަރިންނެއް ތިބިކަން ފާހަގަކުރައްވައި އޭނާ ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ އާއްމު ސިއްހަތުގެ ބޮޑު ނުރައްކަލުން ސަލާމަތްކުރުމަށް ކުރަމުން އަންނަ ޖިހާދުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ހިދުމަތްތަކާއި ދަރުމަވެރިން އަދި އެހެން ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުންދޭ އިރުޝާދަށް ފުރިހަމައަށް އަމަލުކުރަންޖެހޭ ކަމަށެވެ. މި ދަނޑިވަޅަކީ އެންމެ މީހަކު ފަރުދީ ޒިންމާ އަދާނުކުރި ކަމުގައި ވިއަސް އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، މުޅި ގައުމަށް އޭގެ ގެއްލުން އިންތިހާއަށް މެދުވެރިވާ ފަދަ ވަގުތެއް ކަމަށް ވިދާޅުވި އެވެ.
ޝަހީދުންގެ ދުވަސް ނިސްބަތްވާ އަލީ ރަސްގެފާނު އުނގަންނައިދޭ އަނެއް ފިލާވަޅަކީ، އިމްރާން ވިދާޅުވި ގޮތުގައި، ކިތަންމެ ބައި މަދުކަމުގައި ވިއަސް ނުވަތަ އެކަނި ހުންނަން ޖެހުނު ކަމުގައި ވިއަސް ސާބިތުވެ ހުރެ، ވަތަނަށް ހިދުމަތް ކުރުންމަތީ ދެމި ހުންނަން ޖެހޭކަމެވެ. އަދި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ޒިންމާ ފުރިހަމައަށް އުފުލަން ޖެހޭކަން ކަމަށް ވިދާޅުވި އެވެ.
ގައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ރައްޔިތުންގެ މަސްލަހަތަށް ރައްކާތެރިވުމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލްކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ މީހަކު ވެސް ވާންވީ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމަށް އެމީހަކު އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރާ މީހަކަށް،" އިމްރާން ވިދާޅުވި އެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އެއީ ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފަކާއި 11 ޓޫރިސްޓުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
އެކަމުން ސަލާމަތްވުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެކަމުން ރައްކާތެރިވުމަށް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މީގެ ތިން މަސް ކުރިން ޗައިނާގައި ފެތުރެން ފެށި ރޯގާ 194 ގައުމަކަށް މިހާރު ވަނީ ފޯރައިފަ އެވެ. އެ ބަލި 427،724 މީހުން ޖެހިފައިވާއިރު އޭގެ ތެރެއިން 18،925 މީހުން ވަނީ މަރުވެފަ އެވެ.