ރާއްޖޭގެ ޖަލުތަކުގައި ގައިދީންނަށް އަނިޔާކޮށްފި ނަމަ އެ އޮފިސަރަކު މަގާމުގައި ނުހުންނާނެ ކަމަށާއި އެފަދަ ކަމެއް ހިންގި ކޮންމެ ފަހަރަކު ފިޔަވަޅު އަޅާފައިވާނެ ކަމަށް ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީރުންނާ ސުވާލުކުުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އޭނާ ހޯމް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޖަލު އޮފިސަރުން ގައިދީންނަށް އަނިޔާކުރުމުގެ މައްސަލައެއް އައީ ދެތިން ފަހަރަކު ކަމަށެވެ. އެ ހުރިހާ ފަހަރުތަކުގައި ވެސް އޮފިސަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ގައިދީއަކަށް އަނިޔާއެއް ކޮށްފި ކަމަށް ވާ ނަމަ އެ އޮފިސަރަކު ދެން އޮފިސަރެއްގެ ގޮތުގައި ނުހުންނާނެކަން ހުރިހާ އޮފިސަރުންނަށް ވަަރަށް ސާފުކޮށް އެނގޭނެ. އެފަދަ ދެ ތިން ހާދިސާއެއް ހިނގައިފި. އެ އޮފިސަރުންނާ މެދު ވާނީ ފިޔަވަޅު އެޅިފައި،" އިމްރާން ވިދާޅުވި އެވެ.
"އޭގެ ތެރެއިން ބައެއް އޮފިސަަރުން ތިބޭނީ ވަކިކޮށްފައި، ބައެއް އޮފިސަރުން ތިބޭނީ ރޭންކް ދަށްކޮށްފައި."
ހޯމް މިނިސްޓަރު މި ގޮތަށް ޖަވާބު ދެއްވީ ރާއްޖޭގެ ޖަލުތަކުގައި މިހާރު ގައިދީންނަށް އަނިޔާ ނުކުރާނެ ކަމުގެ ޔަގީންކަން ހޯއްދެވުމަށް ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ކުރެއްވި ސުވާލާ ގުޅިގެންނެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ، ޖަލުގައި އަނިޔާކުރުން ހުއްޓުވަން ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކޮށްފއިވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، މި ސަރުކާރުން އެންމެ ފުރަތަމަ އެޓެންޑް ކުރި އެއް މައްސަލައަކީ ވެސް އެއީ އެވެ. އެކަމަކު ޖަލުގައި މިހާރު ގައިދީންނަށްް އަނިޔާ ނުކުރާނެ ކަމުގެ ޔަގީންކަމެއް އިމްރާން ނުދެއްްވަ އެވެ.
"އެނގިވަޑައިގަންނަވާނެ އޮފިސަރުންގެ ގޮތުގައި ވެސް ތިބެނީ ހަމަ ދިވެހިން. ފަހަރެއްގައި ދިވެއްސެއްގެ ކިބައިގައި ހުންނާނެ އާދައެއް ނުވަތަ ކޮށްފާނެ ކަމެއް ހުރެދާނެ. އެކަމަކު އަޅުގަނޑުމެން ކަށަވަރުކުރާ އެއްކަމެއް ވަރަށް ސާފުކޮށް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.
"ޖަލުގެ ތެރޭގައި ގައިދީއަަކަށް އަނިޔާއެއް ކޮށްފި ނަމަ އެެ އޮފިސަރަކު ދެން އޮފިސަރެއްގެ ގޮތުގައި ނުހުންނާނެކަން، ހުރިހާ އޮފިސަރުންނަށް ވަރަށް ސާފުކޮށް އެނގޭނެ."
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި ސަރުކާރުން ފުރަތަމަ ކުރިކަމަކީ އިމްރާން ވިދާޅުވިގޮތުގައި ޖަލުގެ އޮޑިޓެއް ހެދުމެވެ. އެ އޮޑިޓުން ފާހަގަކުރެވުނު މައްސަލަތައް މުރާޖައާ ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް ބައްދަލުވުންތައް ބާއްވައި ގެންނަން ޖެހޭ ބަދަލުތައް ގެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.