ރިސޯޓްގައި ރޯކޮށްލާނެކަމުގެ އިންޒާރު ދިން މުވައްޒަފަކު ހައްޔަރުކޮށްފި

އަދާރަން ޕްރެސްޓީޖް ވާދޫގެ މުވައްޒަފަކު އެ ރިސޯޓަށް ގެއްލުންދީ އަލިފާން ކޮށްލާނެކަމުގެ އިންޒާރު ދިނުމުން ފުލުހުން އޭނާ އިއްޔެ ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ އެ މައްސަލާގައި އެ ރިސޯޓުން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދަށް މާފުށީ ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހަމަނުޖެހުން ހިންގީ ޑޮކްޓަރަށް ދެއްކުމަށް ރިސޯޓުން ބޭރަށް ދާން ބޭނުންވާ ކަމަށް ބުނެ ކަމަށެވެ. ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ދިއުން މަނާކޮށްފައި ވާތީ އެ ރިސޯޓްގެ މެނޭޖްމަންޓުން މަސައްކަތް ކުރީ އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދަން ކަމަށާއި އެހެންވެ ހިތްހަމަ ނުޖެހިގެން އޭނާ ހަމަނުޖެހުން ހިންގީ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރިސޯޓްތަކުން އެހެން ރަށްތަކަށް މީހުން ދިއުން މަނާކޮށްފައިވަނިކޮށް އެއާ ހިލާފަށް އަމަލު ކުރި ހަތަރު މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުން އެހެން ރަށްތަކަށް ދިޔަ ތިން މީހަކާއި މީހުން ދިރިއުޅޭ ރަށަކުން ރިސޯޓަކަށް ދިޔަ މީހެކެވެ. އެ އެންމެންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ރިސޯޓުން ބޭރަށް ނުދެވި ތިބެން ޖެހޭތީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިސޯޓުތަކުން ޓޫރިސްޓުން ހުސްވާ ދުވަހުން ފެށިގެން 14 ދުވަސް ފަހުން މުވައްޒަފުންނަށް އެހެން ރަށްތަކަށް ދެވޭނެކަން އިއުލާން ކުރައްވައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އެއީ މުޅިންވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.