ނުއުމާނަކީ އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ރައީސް

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހްމަދު ނުއުމާނަކީ އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ކަސްޓަމްސްގެ އިސްވެރިއަކަށް ޑިސެމްބަރު 11، 2018 ގައި ރައީސް އައްޔަންކުރެއްވި، ނުއުމާން، 47، ވަނީ އާލާސްކަންފުޅަކަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަނިކޮށް އިއްޔެ އަވަހާރަވެފަ އެވެ. އެކަމަށް ފަރުވާ ހޯއްދަވަން އިންޑިއާގައި އުޅުއްވާތާ ހައެއްކަ މަސް ވެދާނެ އެވެ.

އާއިލާ އަށް ތައުޒިޔާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުއުމާން އަވަހާރަވި ހަބަރު އެއްސެވީ ހިތާމައާ އެކު ކަމަށެވެ. އޭނާއަކީ ތެދުވެރިކަމާ އެކު މަސައްކަތް ކޮށްދެއްވި ބޭފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އާއިލާ އަށް ތައުޒިޔާ ދަންނަވައި މަރުހޫމުގެ ފުރާނަ އަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުއާ ދަންނަވަން،" ޓްވީޓުގައި ވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރު ފެށި އިސްލާހީ މަސައްކަތުގައި ވެސް އަދާލަތު ޕާޓީގެ ފަރާތުން އިސް ދައުރެއް އަދާކުރެއްވީ ނުއުމާނެވެ. ބޭރުގެ ސަފީރުންނާ އެކު ބޭއްވި ބައްދަލުވުންތަކާއި ނިއުސް ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެވަޑައިގެން ގައުމުގެ ހާލަތު އެ ބޭފުޅުންނަށް ހިއްސާކުރެއްވި އެވެ.

ފެނަކަ ކުންފުނީގެ ފުރަތަމަ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ނުއުމާނަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. މަޑުމައިތިރި، ހުރިހާ ފިކުރެއްގެ މީހުންނާ ވެސް ގާތްގުޅުމެއް ބޭއްވެވި ނުއުމާނަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް ވެސް މެ އެވެ.

ނުއުމާނާ އެކު މަސައްކަތްކުރެއްވި ބޭފުޅުން އިއްތިފާގުވާ ގޮތުގައި އޭނާއަކީ އުސޫލުތަކުގައި ހިފެހެއްޓެވި، ހުލްގު ހެޔޮ ބޭފުޅެކެވެ.

އޭނާ އަވަހާރަވިއިރު، ދެ ފިރިހެން ބޭފުޅުންނާއި އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވި އެވެ.