ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވައިދޭން ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަ ހޮނިހިރު ދުވަހު ކުރާ ކާގޯ ދަތުރުގައި، ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅޭ މީހުންނަށް ހިލޭ "ކެއާ ޕެކޭޖު" ފޮނުވައިދޭނެ ކަމަށެވެ.

ކޮންމެ އާއިލާއަކަށް ވެސް ގިނަ ވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެއްޗެވެ.

އެހީގެ ގޮތުގައި ފޮނުވޭނެ ތަކެތި:

- ޑޮކްޓަރީ ބޭސް (ޑޮކްޓަރުގެ ޕްރިސްކްރިޕްޝަން އޮންނަންވާނެ)

- މަސް ދަޅު ކޭސް

- ނޫޑްލްސް ކޭސް

- ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)

- މަސް ފެކެޓު/ ފަތް ޕެކެޓު/ ފިހާރަތަކުން ވިއްކާ ޕެކެޓުކޮށް ބަންދުކޮށްފައިވާ ކާބޯތަކެތި

ކާގޯ ފްލައިޓުގައި ފޮނުވުން މަނާތަކެތީގެ ތެރޭގައި ފައިސާ އާއި ރޯމަހާއި ކޭކާއި ހެދިކާ އާއި މޭވާ އަދި ތަރުކާރީ ފަދަ ބާވަތްތައް ހިމެނެ އެވެ. މިނިސްޓްރީން ކަނޑައަޅާފައި ވަނީ ފޯމު ހުށަހަޅާ ތަރުތީބުން އިސްކަންދީގެން އެހީގެ ތަކެތި ފޮނުވުމަށެވެ. މި ތަކެތި ބަލައިގަންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، މާދަމާ ހެނދުނު 8:00-11:00 އަށް އަދި މެންދުރުފަހު 2:00-6:00 އަށެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން މި ސަރަހައްދުގެ ގިނަ ގައުމުތަކުގައި ކާފިއު އިއުލާންކޮށް، ވައިގެ ދަތުރުފަތުރުތައް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، ރާއްޖެ އަންނަން ބޭނުންވެފައި ތިބި ގިނަ ބަޔަކު އެ ގައުމުތަކުގައި ތާށިވެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވަނީ އުނދަގޫތަކާ ދިމާވެފަ އެވެ.

ނިންމާފައިވަނީ ކާގޯ ދަތުރުގައި، ޓްރިވެންޑްރަމްގައި ތިބި 200 ދިވެހިން ވެސް އަނބުރާ ގެންނާށެވެ. މީގެ ކުރިން ކޮޗިން އާއި މެލޭޝިއާގައި ތާށިވެފައި ތިބި ދިވެހިން ވެސް ގައުމީ އެއާލައިން ވެސް ގެނެސްދީފައި ވެ އެވެ. އަދި އެ ގައުމުގައި ތިބި މީހުންނަށް އެހީގެ ތަކެތި ފޮނުވައިދީފައިވެ އެވެ.