ބެލެނިވެރިންނަށް ގިނަ ފަހަރަށް ހީވަނީ ކަންތައް މި ކުރެވެނީ ދަރިންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އަދި ދަރިންގެ އިހްސާސްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބެލެނިވެރިން ބޭނުންވާ ގޮތްގޮތަށް ކަންތައް ކުރުވަން ކުދިން ލައްވާ އާދަކުރަން މަސައްކަތް ކުރެވެ އެވެ.

ބެލެނިވެރިންނަކީ ކުދިންނަށް އެންމެ ފުރަތަމަ ފެންނަ އަދި އެކުދިންގެ ހަޔާތުގެ އެންމެ މުހިއްމު ރޯލް މޮޑެލުންނެވެ. ކުދިން ކަންތައް ދަސްކުރަން ފަށާ އުމުރުގައި އެކުދިން ދަސްކުރާނީ މައިންބަފައިން ކަންތައް ކުރާ ގޮތް ބަލައިގެންނެވެ. އެހެންކަމުން ކުދިން ކުޑައިރު މައިންބަފައިން ރީތި ނަމޫނާ ދެއްކުން ވަރަށް މުހިއްމެވެ.

ނަމަވެސް ބައެއް މީހުން ނޭދެވޭ ކަންތައްތައް ކުރަނީ ކުދިންނަށް ފެންނަ ހިސާބުގަ އެވެ. އެ ކުދިންނަށް ކުރާނެ ނުބައި އަސަރުތަކަށް ވިސްނާ ވެސް ނުލަ އެވެ. ކުދިންނަށް މަނާ ކަމެއް ނުވަތަ ގޯސް ކަމެއް އެކުދިންގެ ކުރިމަތީގައި މައިންބަފައިން ކުރުމުން ދަރިންގެ މިޒާޖަށް ބަދަލުތައް އަންނާނެ އެވެ.

ކުދިންނަށް ދައްކަން ނުޖެހޭ ބައެއް އާދަތައް

އަމިއްލަ ނަފްސަށް ފާޑުކިއުން

ތިމާގެ ސިފަ އާއި ކެރިއަރު އަދި އެނޫން ވެސް ކަންތައްތަކާ މެދު އަމިއްލައަށް ފާޑުކިޔާތަން ކުދިންނަށް ފެނުމުން ނުކުމެދާނެ ނަތީޖާ ގޯސްވެދާނެ އެވެ. އެކަހަލަ ކުދިން އަމިއްލަ ސިފަޔަށާއި ހާސިލުކުރަން ބޭނުންވާ ކަންތައްތަކަށް ފާޑުކިޔުމުގެ ނަޒަރަކުން ބަލަން ފަށާނެ އެވެ. އެކުދިންނަށް ނުކުރެވޭ ވަރުގެ ބޮޑެތި ކަންތައްތައް ކުރަން ބޭނުންވާނެ އެވެ. އަދި އެގޮތަށް ނުކުރެވިއްޖެ ނަމަ މާޔޫސްކަމާއި ނަފްސާނީ މައްސަލަތައް ދިމާވުން އެކަށީގެންވެ އެވެ. އެފަދަ ކުދިންގެ ކެއުމުގެ އާދައަށް ބަދަލު އައުމަކީ ވެސް ވެދާނެ ކަމެކެވެ.

ފޯނު ފަދަ ތަކެތި މާ ގިނައިން ބޭނުންކުރުން

ފޯނުން ވާހަކަ ދައްކަނީ
ފޯނުން ވާހަކަ ދައްކަނީ

މިޒަމާނުގައި ގިނަ ބެލެނިވެރިން އަބަދުހެން ތިބެނީ ފޯނު ނުވަތަ ކޮމްޕިއުޓަރު ތެރެއަށް ވަދެ އެވެ. ކުދިން ކުރިމަތީގައި ތިބެގެން ވާހަކަ ދެއްކުމާއި މެސެޖްކުރުން، އީމެއިލް ކުރުން ފަދަ ކަންތައްތަކުގައި އެތައް ގަޑިއިރެއް ހޭދަކޮށްލަ އެވެ. މި މަންޒަރު ދަރިންނަށް ފެންނަންޏާ މައިންބަފައިން އުޅޭ ގޮތަށް އަބަދު ފޯނު ހިފައިގެން އުޅެން ބޭނުންވާނެ އެވެ. އަދި ވަރަށް ޅައިރުއްސުރެ ފޯނާއި ޓެބްލެޓް ފަދަ އެއްޗެހި ބޭނުންވެގެން އުޅެގަންނާނެ އެވެ. އެފަދަ އާދަތަކުން ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރުކުރުން ވަރަށް ގާތެވެ.

ޖިންސުގެ ތަފާތުކުރުން

ދެ ޖިންސްގެ ކުދިންނާ މެދު ތަފާތުކޮށް އަމަލްތައް ކުރެވޭ ފަހަރު އާދެ އެވެ. މިސާލަކަށް ވަކި ޖިންސެއްގެ ކުއްޖަކަށް ވުމުން ނުކުރެވޭނެ ކަންތައްތައް ކަނޑައަޅަ އެވެ. ކުޅިވަރުތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށް ނިންމަފާނެ އެވެ. ނުވަތަ ގިނައިން ރޯނީ އަންހެންކުދިން ކަމަށް ބަލާފާނެ އެވެ. މިފަދަ އާދަތަކުން ކުދިންގެ އިޖްތިމާއީ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރެ އެވެ. ޚާއްސަކޮށް އެކުދިން ކުރިއަރައިގެން ދާން ޖެހޭ އުމުރުގަ އެވެ.

ކުޑަކުދިން ކުރިމަތީ ދުންފަތުގެ އިސްތިއުމާލުކުރުން ރަނގަޅެއް ނޫން
ކުޑަކުދިން ކުރިމަތީ ދުންފަތުގެ އިސްތިއުމާލުކުރުން ރަނގަޅެއް ނޫން

ދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތުގެ އިސްތިއުމާލުކުރުމާއި ހަށިގަނޑަށް ގެއްލުން ހުރި ކާނާ ބޭނުންކުރުން ފަދަ އާދަތައް މައިންބަފައިންގެ ކިބާގައި ހުރި ނަމަ ކުދިންނަށް އެކަން ދަސްވެ އެވެ. ބައެއް ކުދިން ވަރަށް ކުޑައިރު ވެސް ނުބައި އާދަތައް، މައިންބަފައިިންގެ ކައިރިން ހޯދައިގަނެ އެވެ. އަޖުމަ ބަލައިލުމުގެ ގޮތުން ނަމަވެސް ކުރަން ފަށަ އެވެ. ޅަ އުމުރުގައި މިފަދަ އާދައެއް ކުދިންގެ ކިބާގައި ހަރުލައިފި ނަމަ ކުއްޖާ ބޮޑުވާ އިރު ހުންނާނީ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މާ ބޮޑަށް ވާދަވެރިކަމުގައި

އެހެން ކުދިން ހޯދާ ކާމިޔާބީތަކާ އަޅާބަލަން މައިންބަފައިން ކުރާ މަސައްކަތް ވަރަށް ގޯހެވެ. ބައެއް ކުދިންގެ ތައުލީމީ ނަތީޖާ ތަންކޮޅެއް ދަށްވެދާނެ އެވެ. އެ ހާލަތުގައި އެ ވާހަކަ އެހެން އެކުދިންގެ ކައިރީގައި ދައްކައިފި ނަމަ ދަަރިފުޅަށް މަލާމާާތާ ކުރިމަތިލާން ޖެހިދާނެ އެވެ. އެފަދަ މައިންބަފައިން ހީކުރަނީ އެގޮތަށް ވާހަކަ ދެއްކުމުން ދެން އަަންނަ އިމްތިހާނެއްގައި ދަރިފުޅުގެ ރިޕޯޓް ރަނގަޅުވެދާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އެހެން މީހުން ނުވަތަ ކުދިންގެ ކުރިމަތީގައި ތިމާގެ ދަރިއަށް މަލާމާތްކޮށް ލަދުގަންނަ ގޮތަށް ވާހަކަ ދެއްކުމުން ކުއްޖާގެ ހިތްވަރު އެލެ އެވެ. އަދި ނަފްސާނީ ގޮތުން ނުރަނގަޅު އަސަރުތަކެއް ކުރެ އެވެ.

ކުދިން ކައިރީގައި ތިއްބާ ދެމަފިރިން އަރައިރުންވާ ނަމަ ކުދިންނަށް އޭގެ ނުބައި އަސަރުކުރޭ
ކުދިން ކައިރީގައި ތިއްބާ ދެމަފިރިން އަރައިރުންވާ ނަމަ ކުދިންނަށް އޭގެ ނުބައި އަސަރުކުރޭ

ޒުވާބުކުރުން

ކުއްޖާ ހުންނަ ތަންތަނުގައި އެހެން މީހުންނާ ޒުވާބުކޮށް ހަދާ މައިންބަފައިން ވެސް އުޅެ އެވެ. ފޯނުން ނަމަވެސް ނުވަތަ ގޭތެރޭގައި އާއިލާގެ މީހުންނާ ނަމަވެސް ކުއްޖާއަށް އިވޭ ގޮތަށް ޒުވާބުކުރާ ނަމަ އެކަން ކުއްޖާ ދަސްކޮށްފާނެ އެވެ. އެކުދިންގެ އެކުވެރިންނާ ޒުވާބުކުރަން ފަށާނެ އެވެ. އަބަދު މީހުންނާ ޒުވާބުކޮށް ހަދާ މައިންބަފައިންގެ ދަރިން ހަރުކަށި، ރުޅިގަދަ އަދި މީހުންނާ ދިމާލަށް ހިތަށްއެރި އެއްޗެއް ބުނެލަން ފަހެއް ނުޖެހޭނެ އެވެ.

ފޯނު ވާހަކަ ދައްކަނީ
ފޯނު ވާހަކަ ދައްކަނީ

އަނިޔާކުރުން

ކުދިންނަށް އަނިޔާ ކުރުމަކީ ވެސް ބައެއް ބެލެނިވެރިންގެ އާދައެކެވެ. ކުއްޖަކަށް ކިތަންމެ ކުޑަ ގޯސް ކަމެއް ކުރެވުނަސް އެ ކުއްޖެއްގެ ގައިގައި ޖަހާފާނެ އެވެ. އަނިޔާ ލިބޭ ކުދިންނަށް ނަފްސާނީ ވަރަށް ބޮޑެތި މައްސަލަތައް ދިމާވެ އެވެ. ރުޅިގަދަވުމެވެ. ހަރުކަށިވުމެވެ. އެހެން ކުދިންނާ ދޭތެރޭ ހިތުގައި ލޯބި ނުއުފެދުމެވެ. މިއީ މައިންބަފައިން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ މައްސަލަ އެވެ. މައިންބަފައިންގެ އަމަލްތައް ހުންނަ ގޮތުން ދަރިންގެ ހިތުގައި އެހެން މީހުންނާ ދޭތެރޭ އެއްވެސް އަސަރެއް ނުއުފެދުމަށް ވުރެ ދެރަ ހާލަތެއް ނާންނާނެ އެވެ.