އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އިންޓަވިއުއެއް ދެއްވަނީ: އަންހެނުންނާ ބެހޭގޮތުން ވިދާޅުވި އެއްޗަކުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.---ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ
17 އޮކްޓޯބަރ 2016 - 22:54
ރަނގަޅު މީހުން ނުބައި ކުރާ ތިން ސަބަބެއް އޮންނަ ކަމަށާއި އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މިއަދު ހަވީރު ތިނެއް ޖަހާކަށްހާ އިރު އުމަރު ކުރެއްވި ޓްވީޓެއްގައި "ވައިން، ވިމެން އެންޑް ވެލްތު" ނުވަތަ "ރަލާއި އަންހެނުންނާއި މުއްސަނދިކަން" އެއީ ރަނގަޅު މީހުން ގޯސްކުރާ ތިން ކަމެއް ކަމަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅުވައިގެންނެވެ. ރަލާ ހެދި ރައީސަކު އިސްތިއުފާދެއްވި ކަމަށާއި ފައިސާއާ ހެދި ރައީސަކު ސިޔާސީގޮތުން ކަނުވި ކަމަށް އެ ޓްވީޓުގައި ވިދާޅުވި އެވެ. ނަމަވެސް އަމާޒުވި ފާޑުކިޔުންތަކަށް ފަހު އުމަރު ވަނީ ޓްވީޓް ޑިލީޓް ކުރައްވައިފަ އެވެ.
މި ޓްވީޓާއެކު އެތައް ބަޔަކު އެއްފަހަރާ އުމަރަށް ފާޑުކިޔަން ފެށި އެވެ. އަންހެނުންނަށް މި ވަރުގެ ބަދު ބަހެއް ބުނީތީ ހައިރާންވާ ކަމަށާއި މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް ބުނެ އެކި މީހުން ވަނީ ޓްވީޓްކޮށްފަ އެވެ.
"އަންހެނުންނަކީ ވެސް އިންސާނުން. އަންހެނުން ވެސް ފިރިހެނުންނާ އެއްވަރަކަށް ނުވަތަ އެއަށް ވުރެ ބޮޑަށް މުޖުތަމައަށް ޚިދުމަތްކުރޭ،" އަންހެނަކު ބުނެފައިވެ އެވެ.
އަންހެނުންނަށް ބަދު ބަސް ވިދާޅުވެ އުމަރު ކުރެއްވި ޓްވީޓް
އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ ވޮއިސް އޮފް ވިމެން އިން ވަނީ އުމަރުގެ ވާހަކަ އަނބުރާ ގެންދަވައި މައާފަށް އެދިވަޑައިގަތުމަށް ގޮވާލައިފަ އެވެ.
އުމަރުގެ ވާހަކައާ އެންމެ ފުރަތަމަ ދެކޮޅު ހެދި މީހުންގެ ތެރޭގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބުކަމުން އިސްތިއުފާދެއްވި ޔުމްނާ މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. ޔުމްނާ އާއި އުމަރަކީ މައްސަލަ ބޮޑުވެ، ދެ ފަޅިވެފައި އޮތް ޕީޕީއެމްގެ މައުމޫން ފަޅީގައި ތިއްބެވި ކައުންސިލް މެމްބަރުންނެވެ. އެކަމަކު ޔުމްނާ ވަނީ އުމަރަށް ރައްދު ދެއްވާފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ މާ ބޮޑަށް އެއްފަރާތަކަށް ޖެހިފައިވާ ވާހަކައެއް ކަމަށާއި ފިރިހެނުން ވެސް އަންހެނުން ނުބައިކުރާ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން އެންމެން ވެސް ބަލަންވީ ރަނގަޅު މީހުންނަށް ވާން އަދި އެހެން މީހުން ވެސް ރަނގަޅު މީހުންނަށް ހަދަން އެހީތެރިވެދޭން،" ޔުމްނާ ވިދާޅުވި އެވެ.
އުމަރަށް ރައްދު ދިން މީހުންގެ ތެރޭގައި ކެނެޑާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝެލީ ވައިޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ލީޑަރުންނާއި ސަރުކާރު ފެއިލްވީމާ އޭގެ ޒިންމާ އަންހެނުންގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވިގޮތުގައި އުމަރުގެ ވާހަކަ ދެ ޖިންސުގެ ހަމަހަމަކަމުގެ ގާނޫނާ ވެސް ފުށުއަރަ އެވެ. އަދި މިއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުން ނިކަމެތިކުރަމުންދާ މައްސަލަ އަށް އިތުރުވި ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އުމަރުގެ ޓްވީޓާ ގުޅިގެން ބައެއް މީހުން އޭނާ ސިފަކުރަނީ "ރާއްޖޭގެ ޓްރަމްޕް"ގެ ގޮތުގަ އެވެ. އެމެރިކާގެ ރިޔާސީ ރޭހުގައި އުޅުއްވާ ޑޮނަލްޑް ޓްރަމްޕް ވެސް އަންހެނުން ކުޑައިމީސްކޮށް މިފަދަ ބަދު ބަސްތައް ވިދާޅުވެ އެވެ.
ފާޑުކިޔަން ފެށުމުން، ފުރަތަމަ ޓްވީޓަށް ދޮޅުގަޑިއެއްހާ އިރު ފަހުން އުމަރު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި، އެތަކެއް ބައިވަރު އަންހެނުންނާ ގުޅުން ބޭއްވެވި ރައީސެއްގެ ގައިގައި ތަޅައި އަވަހާރަކޮށްލާފައިވާ ކަމަށާއި އެހެންވީމާ "3 ޑަބްލިޔު" (ވައިން، ވިމެން އެންޑް ވެލްތު)ގެ ވާހަކައަކީ ރާއްޖޭގައި ތެދެއް ކަމަށެވެ. އެކަމަކު ކުރިން ކުރެއްވި ޓްވީޓާ އެކު މި ޓްވީޓް ވެސް ވަނީ ޑިލީޓް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
19 October 2016
ޢުމަރު ވިދާޅުވި ވާހާކަފުޅުގެ އެއްވެސް މައްސަލައެއް ނެތް. ހިސާބަށްވުރެ މީހުން ގަމާރީ.
ނިހާން ހުސައިން މަނިކު
18 October 2016
ބައެއް މީހުންނަށް އަމުރު ބުނިއެއްޗެއް ނޭގުނީ.
ައައިންސްޓައިން
18 October 2016
މިއަދުގެ ފިރިހެނުން ކުރަންޖެހޭ ކަމަކީ އަނބިމީހާ ބުނާވަރަކަށް ފާއިސާ ވެއްދުން. ދަރިންނަށްޓަކާ ގެ ނަމުގަ.
އީސަ
18 October 2016
އެވެނި މީހާއަކީ މާމޮޅު މޭހެއްނޫންކަމަށް ބުނެވޭނެ މާ މޮޅު އެހެން މީހެއްނެތް ކިތައްމެ ވަރުގަދަ ސެޓްފިކެޓެއް އޮތައްސް އަބަދުވެސް މޮޅުމީހަކީ އުފެއްދުންތެރި މީހާ އިލްމު ލިބިފަ އުފެއްދުްނ ތެރިކަމެށް ނެތް މީހަކީ އިލްމީ މީހެއްނުން އުމަރ ވެސް ބުނާނީ އުމަރުގެ ހިޔާލު އެކަމާއި ގުޅިގެން ރުޅިއަުމުގެ ބަދަލުގައި ބިނާ ކުރަނިވި ރަތްދެތް ދޭންވާނީ އެއީ ހަގީގީ މޮޅުމީހާ މިހާރު މިވީ ގޮތުން އުމަރެކޭ ހިޔާލު ލިއުނު މީހުންނެކޭ އެއްވަރު (އީސަ ބުނި އާސިފް)
ޒައީމް
18 October 2016
ޒައީމުއާއެކު ވީމާ ދެން ވަރަށް އަޑުގަދަވާނެ
ހަސީނާ
18 October 2016
އުމަރުތީ މާ މޮޅު މީހެއްކަމަކަށް އަހަރެން ނުދެކެން. އެއްދުވަސްވަރެއްގަ ހީވި ވަރަށް ރަގަޅު މީހެކޭ، ފަހުން އެގިއްޖެ ދެކޮޅުޖެހޭ ވާހަކަ ދައްކާމީހެއްނޫންކަން.
ޖޫގުލީ
18 October 2016
މި ޔަދު ދުނިޔޭގަ ހައްޤު ބަހަކީ ވ.ހިތި އެއްޗެއް. އަދި އަމުދުން ތިމާމެން ނުރުހޭ މީހަކު އެފަދަ ބަހެއް ބުނެފިނަމަ މުޅި ދުނިޔެ އެކަމާ ދެކޮޅަށްވެސް ނުކުންނާނެ.. އެކަމަ މިޔަދު މަގުބޫލު ތައުރީފު ލިބޭ ބަހަކަށް ވާނީ ތިމާމެން ރުހޭ މީހަކު ދޮގެއް ހެދިޔަސް. އޭރުން އެ ބުނިމީހަކަށް ސަނާކިޔާ އަތްޖަހާ ސޯސަލް މީޑިއާގަ ސެއަރވެސް ކުރާނެ. މީގަ ދެރަކަމަކީ އުމަރުވެސް އެހެން ބުނެފަ ބަޔަކު ޕްރެސަރަރ ހެދި ނަމަވެސް އެ ބުނިބަސް އަނބުރާ ގެންދިޔައީތީ..
މާދަމާދެކޭމީހައު
19 October 2016
އަނބުރާ ގެންދިއުމުން އެގުނީ އެގުނީ ސައިޒައް ތިރިވެއްޖެކަން
މުނީފް
18 October 2016
ހަމަ އުމަރު އެއްޗެކޭ ބުނީމަ ދޯ ގޯސްވީ. ކޮބާ އަންހެންކަނބަލަކާއި ދޭތެރޭ މެމްބަރ ނިހާން ހިންގެވި ބޭއަދަބީ ޢަމަލު.......... ތިހެންވީމަ ކަމުނުދަނީ....... އޭރު ހަމަ ތިޔަ ހުޔުމަން ރައިޓްސ ނެތީތަ.....
ވަލީމާ
19 October 2016
އޭރުވެސް މީހުން އެކަމާ ނަފްރަތު ކުރި
ދަނޑިވަޅު
18 October 2016
އުމަރަކީ ގިނަ ބައެއްގެ ނަފުރަތު ލިބޭ ފަރާތެއް. އެއީ ގިނަފަހަރު އޭނާގެ ބޭނުން ހިފައިފަ ހުރީ މިޔަ ތޫނު ކަތިވަޅިއެއްގެ ގޮތުގައި. ލަފާ ކުރެވޭ ގޮތުގައި މިފަހަރު އެކަން ދިމާވީ އޭނާ އެ ބުނަން ބޭނުންވި ވާހަކަ ރަގަޅަށް ސާފުކޮށް ނުދެވުނީ. ދޭހަ ކޮށްދިނުމުގައި މަސްސަލަ ދިމާވީ. ހިޔެއްނުވެ އަންހެން ކަނބާލުންނާ ދޭތެރޭ ދެރަކޮށް ދެކުނު ކަމަށް. ބުނަން ބޭނުންވަނީ މިވަގުތަކީ އޭނާގެ ބޭނުން ގިނަ ދިވެހިންނަށް ޖެހިފައިވާ ވަގުތެކޭ. ދިވެހިންނަށް މިލައިގަނެފަވާ މުސީބާތުން މިންޖުވާން ކުރެވޭ މަސެއްކަތުގެ މުހިންމު ބައިވެރިއެކޭ. އެކަން މަޑުމަޑުން ފެންނަމުން އެބަދޭ. އެހެންކަމުން މިވަގުތު ހުރި ނުރުހުން އިހަށް ބަހައްޓާ އެކުގައި މަސްކަތް ކުރެވޭތޯ ބަލަމާ ހިނގާށޭ.
ބޮނޑިބަތް ދޮންތު
18 October 2016
އޯ ގަދަ... ޑޮނަލްޑް ޓްރަމްޕް ހެދިލީ ދޯ