މެޑްރިޑް (ޖޫން 5) – ޓެކްސް އަށް މަކަރުހެދިކަން ސާބިތުވެ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ސްޕެއިނުގެ ކޯޓަކުން ކުރި ހަ މަހުގެ ޖަލު ހުކުމް ޖޫރިމަނާއަކަށް ލުއިކޮށްދީފި އެވެ.

ސްޕެއިނުގެ ގާނޫނުގައިވާ ގޮތުން، ފުރަތަމަ ފަހަރަށް ނުރައްކާތެރި ނޫން މިފަދަ ކުށެއް ކުރާ މީހަކަށް ދެ އަހަރަށް ވުރެން ކުރު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލު ހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެވޭނެ އެވެ.

މެޑްރިޑްގެ ކޯޓަކުން އިއްޔެ ހުކުމްކުރީ ކޮސްޓާ ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ. ކޮސްޓާ އަދަބު ދިނީ މީގެ ހަތް އަހަރު ކުރިން ޗެލްސީ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވިއިރު އޭނާ އަށް ލިބުނު 5.15 މިލިއަން ޔޫރޯ އާ ބެހޭގޮތުން ލިޔެކިޔުމެއް ހުށަހަޅާފައިނުވާތީ އާއި އިމޭޖް ރައިޓްސް ކޮމްޕެނީ މެދުވެރިކޮށް އެއް މިލިއަން ޔޫރޯ އިން ޓެކުހަށް މަކަރު ހަދާފައިވާތީ އެވެ.

ކުރެވުނު ކުށަށް އިއުތިރާފުވެ، އުމުރުން 31 އަހަރުގެ ކޮސްޓާ ނިންމީ ޖަލު ހުކުމް ތަންފީޒުނުކޮށް 36،000 ޔޫރޯ ދައްކާށެވެ. އަދި ކޮސްޓާ ވަނީ އިމޭޖް ރައިޓްސް ކޮމްޕެނީ މެދުވެރިކޮށް ޓެކުހަށް މަކަރު ހެދި އެއް މިލިއަން ޔޫރޯ ދައްކައިފަ އެވެ.

އެތުލެޓިކޯ އަށް 2010 އިން 2014 އަށް ކުޅުނު ކޮސްޓާ ޗެލްސީ އަށް ކުޅުމަށް ފަހު ދެ ވަނަ ފަހަރަށް އެތުލެޓިކޯ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ.

ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ސްޕެއިން ލީގުގެ ވަރަށް ގިނަ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޭޖެންޓުން އަދި ކޯޗުން ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުގައި ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. ގިނަ ކުޅުންތެރިންނަށް ޖަލު ހުކުމެއް އައި ނަމަވެސް ސަލާމަތްވީ ޖޫރިމަނާއެއް ދައްކައިގެންނެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވެސް ވަނީ ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުކޮށް ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ދެ ކުޅުންތެރިން ވެސް ސަލާމަތްވީ ޖޫރިމަނާ ދައްކައިގެންނެވެ. ރޮނާލްޑޯ ވަނީ ޓެކުހަށް މަކަރު ހެދި ޖޫރިމަނާ އަށް 18 މިލިއަން ޔޫރޯ ދައްކައިފަ އެވެ. މެސީ ދެއްކީ ޖަލު ހުކުމުގެ މުއްދަތުގެ ކޮންމެ ދުވަހަކަށް 400 ޔޫރޯގެ މަގުން 252،000 ޔޫރޯ އެވެ.