މެޑްރިޑް (ޖެނުއަރީ 4) – އެތުލެޓިކޯ މެޑްރިޑަށް އެނބުރި އައިސް ޑިއެގޯ ކޮސްޓާ ކުޅެދިން ފުރަތަމަ މެޗުގައި ބަދަލުގައި ކުޅުންތެރިޔެއްގެ ގޮތުގައި އަރާ ފަސް މިނެޓުގެ ތެރޭގައި އޭނާ އެ ޓީމަށް ފުރަތަމަ ގޯލް ޖަހައިދީފި އެވެ.

ސްޕެނިޝް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ތިން ވަނަ ޑިވިޝަނުގެ ލެއިޑާ އެސްޕޯޓިއޫ އަތުން 4-0 އިން އެތުލެޓިކޯ މޮޅުވި މި މެޗުގައި އެ ޓީމަށް ކުރި ހޯދައިދިނީ 33 ވަނަ މިނެޓުގައި ޑިއެގޯ ގޮޑިން އެވެ. ދެ ވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖެހީ ކޮސްޓާ ފަދައިން ޗެލްސީގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެތުލެޓިކޯ އަށް އެނބުރި އައި ފެނާންޑޯ ޓޮރޭޒެވެ. މެޗުގެ 64 ވަނަ މިނެޓުގައި ކުޅެން އެރި ކޮސްޓާ ލަނޑު ޖެހީ 69 ވަނަ މިނެޓުގަ އެވެ. އެތުލެޓިކޯގެ ފަހު ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖެހީ އެންޓޮއިން ގްރިޒްމަން އެވެ.

މެޗަށް ފަހު ކޮސްޓާ ބުނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ އިހުސާސް އަލުން ކުރެވި އަދި އަލުން އެތުލެޓިކޯ މެޑްރިޑަށް ކުޅެވުމުން ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ އެތުލެޓިކޯއާ އެކު ދެ ވަނަ ފަހަރަށް ފަށައިގަންއިރު މިއަށް ވުރެ ވަކި ރަނގަޅު ފެށުމަކަށް އުއްމީދެއް ނުކުރެވޭނެ ކަމަށެވެ.

ޗެލްސީން ވަނީ އުމުރުން 29 އަހަރުގެ ކޮސްޓާ އެތުލެޓިކޯ އަށް ވިއްކާލަން ސެޕްޓެމްބަރު މަހު އެއްބަސްވެފަ އެވެ. އެތުލެޓިކޯ އިން ވިދާލި ފޯވާޑް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އެކަމަކު މިދިޔަ ސީޒަނަށް ފަހު ކޯޗު އެންޓޯނިއޯ ކޮންޓޭގެ ޕްލޭނުގައި ކޮސްޓާ ނުހިމެނޭ ކަމަށް ކޮންޓޭއާ ހަވާލާދީ ކޮސްޓާ ބުންޏެވެ.